maafaru testing facility
މާފަރުގައި ގާއިމްކުރި ޓެސްޓިންގ ސެންޓަރު -- ފޮޓޯ: އޭޑީކޭ

ނ.މާފަރުގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ޕީ.ސީ.އާރް ޓެސްޓް ހަދާ ލެބޯޓްރީއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އޭޑީކޭ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު މާފަރު ޓެސްޓިންގ ސެންޓަރު ހުޅުވިއިރު އެތަނުގައި ބަހައްޓާފައި ވަނީ އެއްފަހަރާ 700 ސާމްޕަލް ޕްރޮސެސް ކުރެވޭ "ރޯޝް ލައިފްސައިކަލް 96" ބްރޭންޑްގެ މެޝިނެކެވެ. މި ސެންޓަރު ފާއިތުވި 6 މަސްދުވަހު މެނޭޖް ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން މިތަން މެނޭޖު ކުރުމުގައި ގެންގުޅުނު އުސޫލުތަކުގެ ސަބަބުން އެތަނުން ޓެސްޓް ކުރި ގިނަ ބަޔަކަށް ނުބައި ނަތީޖާތައް ލިބިފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އެ ލެބު ބަންދުކޮށް، ހިންގުން އެހެން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ، އެ ސެންޓަރު އޭޑީކޭ އިން މެނޭޖު ކޮށްފައިވަނީ ހިލްސައިޑް ވިލް ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭޑީކޭއިން އެތަން ދޫކޮށްލީ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، އެ ލެބޯޓްރީ ހިންގާފައިވާނީ ކަމާބެހޭ އިދާރާތަކުން އިންސްޕެކްޓް ކުރުމަށްފަހު، ގަވާއިދުން ހުއްދަ ލިބިގެންކަމަށާއި، ޓެސްޓް ތައް ހަދާފައިވާނީ ޓެސްޓް ކުރުމުގައި ސަމާލުކަން ދޭންޖެހޭ ހުރިހާ ކަންކަމަކަށް ސަމާލުކަން ދީގެން ކަމަށްވެސް އޭޑީކޭ އިން ވަނީ ބުނެފައެވެ. އަދި، ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ރެންޑަމްކޮށް އެހެން ލެބޯޓްރީ ތަކުގައި ވެރިފިކޭޝަން ޓެސްޓް ކޮށްފައިވާނެކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ނުބައި ނަތީޖާއެއް މީހަކަށް ލިބިދާނެކަމަށާއި އެއީ ލެބޯޓްރީގެ އިހުމާލުން ނޫންކަމަށްވެސް އޭޑީކޭ އިން ވަނީ ބުނެފައެވެ. އެގޮތުން، ވައިރަސް ހަށިގަނޑަށް އައުމަށްފަހު ހިނގާފައިވާ މުއްދަތު ކުރުމުގެ ސަބަބުން، ސާމްޕަލް ނެގުމުގައި ދިމާވާ މައްސަލައަކުން، ނުވަތަ ލެބޯޓްރީއަށް ސާމްޕަލް ފޯރުމާއި ދޭތެރޭ ހިނގާފައިވާ ވަގުތު ދިގުވުމުގެ ސަބަބުންވެސް ފޯލްސް ނެގެޓިވްއެއް ލިބިދާނެކަމަށް އޭޑީކޭ އިން ވަނީ ފާހަގަކޮށްފައެވެ.

އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލުން ނަތީޖާތައް ރިޕޯޓް ކޮށްފައިވާނީ މެޝިނުން ނަތީޖާ ދައްކާގޮތަށް ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި، އެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޕީ.ސީ.އާރް ލެބޯޓްރީ ތައްވެސް ހިންގަނީ ޒަމާނީ ވަސީލަތްތަކާއެކު، ޓެސްޓް ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ އުސޫލުތަކާއި އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ވަނީ ބުނެފައެވެ.

މާފަރު ޓެސްޓިންގ ސެންޓަރާއި ގުޅޭ ގޮތުން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޚަބަރުތަކާއި ގުޅޭގޮތުން ސޮނޭވާއިން ބުނީ، އެތަން ބަންދުކޮށްފައިވަނީ އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކޮންމެ ދުވަހަކުވެސް ޓެސްޓްކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުންކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު އެތަން އަލުން ހުޅުވާނެކަމަށްވެސް ސޮނޭވާއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.