އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިން އިން ވައިރަސް ފެތުރޭ މިންވަރު ދަށްކުރާ ކަމަށް އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ހެލްތު މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުން މިހާރުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް 9.6 މިލިއަން މީހުންނަށް ދީފައެވެ. ފުރަތަމަ ޑޯޒްއާއެކުވެސް ތިން މަސް ދުވަހުގެ މުއްދަތަކަށް 76 އިންސައްތައިގެ ރައްކާތެރިކަމެއް ފޯރުކޮށްދޭނެކަމަށް ޔުނިވަރސިޓީ އޮފް އޮކްސްފޯރޑް އިން ވަނީ ހާމަކޮށްފައެވެ. ދެވަނަ ޑޯޒް 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ ވަގުތެއްގައި ދޭން ޖެހޭއިރު، މި ޑޯޒް އާއެކު ވައިރަސްއާ ދެކޮޅަށް 82 އިންސައްތައިގެ ރައްކާތެރިކަމެއް ފޯރުކޮށްދޭނެއެވެ.
Vaccines are our way out.
Oxford vaccine protects against Covid and helps reduce the spread. pic.twitter.com/7CCMYlRLUw
— Matt Hancock (@MattHancock) February 3, 2021
މީގެއިތުރުންވެސް، ޔުނިވަރސިޓީ އޮފް އޮކްސްފޯރޑްގެ ހޯދުންތަކުން ދައްކާ ގޮތުން، އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިންގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރުވެސް ދަށް ވެގެންދާނެއެވެ. މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ހެލްތު ސެކްރެޓަރީ ހެންކޮކް ވިދާޅުވީ، މި ވެކްސިންގެ ސަބަބުން އެހެންމީހުންވެސް ރައްކާތެރި ވެގެންދާނެ ކަމަށެވެ.
ވެކްސިންގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދަށްކުރެވުމާއިއެކު، އާބާދީގެ ބޮޑުބަޔަކަށް އިމިއުނިޓީ ހޯދަން ފަސޭހަ ވާނެއެވެ. "ބީބީސީ ބްރޭކްފާސްޓް" ގައި ވާހަކަދައްކަވަމުން ހެންކޮކް ވިދާޅުވީ، އެންމެ ފަހުގެ ހޯދުންތައް ވެގެންދާނީ ޕެންޑެމިކުން ސަލާމަތްވުމަށް ވަރަށް ބޮޑު އެހީއަކަށް ކަމަށެވެ.
ދިވެހިރާއްޖޭގައިވެސް މިހާރު ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެނީ އޮކްސްފޯރޑް - އެސްޓްރަޒެނެކާގެ ފޯރމިއުލާ ބޭނުންކޮށްގެން ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ 100،000 ޑޯޒް އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ވަނީ ލިބިފައެވެ.
މީގެއިތުރުންވެސް، އަންނަ މާރޗް މަހުގެ ތެރޭގައި އޮކްސްފޯރޑް - އެސްޓްރަޒެނެކާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖަހިފައިވާ 700،000 ޑޯޒްގެ ފުރަތަމަ ބެޗު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ އަދަދު ވަނީ 880 އަށް އަރާފައެވެ.