Maafaru testing facility
މާފަރު ޓެސްޓިންގ ސެންޓަރު -- ފޮޓޯ: ސޮނޭވާ

މާފަރު ޓެސްޓިންގ ލެބުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަލުން އެތަން ހުޅުވުމަށް ނިންމައިފި އެވެ.

މާފަރުގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ޓެސްޓް ސެންޓަރަކީ ސޮނެވާ ރިސޯޓްސް އިން ހުރިހާ ހަރަދެއް ކޮށްގެން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވިއިރު އެތަނުގައި ބަހައްޓާފައި ވަނީ އެއްފަހަރާ 700 ސާމްޕަލް ޕްރޮސެސް ކުރެވޭ "ރޯޝް ލައިފްސައިކަލް 96" ބްރޭންޑްގެ މެޝިނެކެވެ. މި ސެންޓަރު ފާއިތުވި 6 މަސްދުވަހު މެނޭޖް ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން މިތަން މެނޭޖު ކުރުމުގައި ގެންގުޅުނު އުސޫލުތަކުގެ ސަބަބުން އެތަނުން ޓެސްޓް ކުރި ގިނަ ބަޔަކަށް ނުބައި ނަތީޖާތައް ލިބިފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އެ ލެބް ބަންދުކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދު ސޮނޭވާ އިން ބުނެފައިވަނީ، މާފަރު އެއާރޕޯޓުގައި ގާއިމްކޮށްފައިވާ ލެބް ބިނާކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި، އެތަން ބަންދުކޮށްފައިވަނީ އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކޮންމެ ދުވަހަކުވެސް ޓެސްޓްކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުންކަމަށްވެސް ސޮނޭވާއިން ވަނީ ބުނެފައެވެ.

މި މަސައްކަތް މިހާރު ނިމި، އެތަނުން ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން ހުއްދަ ދީފައިވާކަމަށްވެސް ސޮނޭވާއިން ވަނީ މިއަދު ބުނެފައެވެ.

މިއާއެކު އެ ސެންޓަރު ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި އަދި އަންނަ ހޮނިހިރު ދުވަހު އެ ސެންޓަރުން ހިދުމަތް ދިނުމަށްވެސް ފެށޭނެކަމަށް ސޮނޭވާއިން ވަނީ ބުނެފައެވެ. މި ސެންޓަރު މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކްރިސްޓަލް މެޑިކަލްސް ކިޔާ ކުންފުންޏަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *