ދިވެހިރާއްޖޭގެ އިކޮނޮމިކް ޒޯންގެ ތެރެއިން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަތުލައިގަނެފިއެވެ.
އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ބޭރުގެ މަސްބޯޓަކުން ގަވާއިދާއި ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅޭކަމަށް ޝައްކު ކުރެވި އެ މައްސަލަ އެމް.އެން.ޑީ.އެފް ގެ ކޯސްޓް ގާރޑަށް ދީފައިވަނީ ސ. މަރަދޫ "ރަސްކުރި" ދޯނިންނެވެ. މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 14:27 ގައެވެ.
ބޭރުގެ މަސްބޯޓު ފެނިފައިވަނީ ސ. ގަމު ދެކުނުން 15 ނޯޓިކަލް މޭލު ބޭރުންނެވެ. މި މައްސަލައާއި ގުޅިގެން އެމް.އެން.ޑީ.އެފް ގެ ސަދަރން އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ބުނެފައެވެ.
މިއީ ކޮން ގައުމަކަށް ނިސްބަތްވާ ދޯންޏެއްކަން އަދި އެމް.އެން.ޑީ.އެފް އިން ހާމަކޮށްފައެއް ނުވެއެވެ.