IS Leader Terrorist Ameen
ޓެރަރިސްޓެއްކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އަމީން -- ފޮޓޯ: އިންޓަރޕޯލް ސްކްރީންޝޮޓް

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް 15 ޑިސެމްބަރު 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިއަދު މުރާޖައާކުރުމަށްފަހުއެވެ. އަމީންގެ މައްޗަށް ސަރުކާރުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިއަދު މުރާޖައާކުރަމަށް ބޭއްވެވި އަޑުއެހުމުގައި، ގޭ ބަންދަށް ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަށް އެކާށީގެންވާ ބޭސް ފަރުވާ ޖަލުގައި ހުރެގެން ނުލިބޭކަމަށް މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލު އަށް ފެނިވަޑައިގެންނެވުމާއި ގުޅިގެންނެވެ. އެގޮތުން، އޭނާ ބަންދުކުރިތާ 14 މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އޭނާ ތަކުރާރުކޮށް ކުރަމުން އަންނަކަން ގާޒީ ފާހަގަކުރިއެވެ.

އަމީން އަކީ އާތުރައިޓިސް ހުންނަ މީހެކެވެ. މިކަމާއި ގުޅިގެން އޭނާއަށް ފަރުވާ ދެމުން ގޮސްފައިވާކަން މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ އޮފިޝަލުންވަނީ ކޯޓުގައި ފާހަގަކޮށްފައެވެ. އޭނާ ޑޮކްޓަރަށްވެސް ދައްކާފައިވާކަން ކަރެކްޝަންސްގެ އޮފިޝަލުން ކޯޓުގައި ބުނި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް އަމީން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އިސް ގާޒީ ޝަކީލު ވިދާޅުވީ، އަމީންއަށް ބޭނުންވާ ފަރުވާ ލިބެމުންދާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ގޮޅިން ނިކުމެ ކަސްރަތު ކުރުމުގެ ފުރުސަތުވެސް އެކަށީގެންވާ މިންވަރަށް އޭނާއަށް ނުލިބޭކަން ފާހަގަކޮށް، ވަކި ޝަރުތުތަކާއެކު ގެ ބަންދަށް ދޫކުރުމަށް ޝަކީލުވަނީ ނިންމާފައެވެ.

އެގޮތުން، އޭނާ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ތުހުމަތު ކުރެވިފައިވާ ފަދަ އެހެން ކުށަކަށް އަރައި ނުގަތުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް އަމީންގެ މައްޗަށްވަނީ ޝަރުތުކޮށްފައެވެ.

އަމީންއަކީ މީގެކުރިންވެސް ޓެރަރިޒަމްގެ ތުހުމަތުތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން، ސަލްޓަން ޕާކްގެ ބޮމުގެ ހަމަލާއާއި ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް އޭނާގެ މައްޗަށް އޭރު ނެރެފައިވެއެވެ. 2011 ވަނަ އަހަރު ވަގު ޕާސްޕޯޓަކާއިއެކު ލަންކާއަށް އެތެރުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ ހައްޔަރުކޮށް ރާއްޖެ ގެނައިނަމަވެސް، 2012 ވަނަ އަހަރުގެ ތެރޭގައި އޭނާ ދޫކޮށްލާފައިވެއެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ)އިން އެކުލަވާލާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނުނު ފުރަތަމަ ދިވެހި މީހާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.