ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ހައިލަމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ކަނޑައަޅައި އޭނާ ގާޒީކަމުން ވަކިކޮށް ދިނުމަށް މަޖިލީހުގައި ވަނީ އެދިފަ އެވެ. އަދި އެ މައްސަލަ ޖޭއެސްސީއިން ހިންގާފައިވާ ގޮތް ޖުޑީޝަރީ ކޮމިޓީއިން ބަލައި އެ ނިންމުމަށް ތާއީދުކުރަން އެ ކޮމިޓީއިން ވަނީ ފާސްކޮށް، ތަޅުމަށް ރިޕޯޓް ފޮނުވައިފަ އެވެ.

އިއްޔެ ހައިލަމް ސޮއިކުރައްވައި ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ޖޭއެސްސީއިން ހިންގި ތަހުގީގާ ގުޅިގެން، އޭނާ ޖޭއެސްސީއަށް ފޮނުވި ސިޓީތަކުގައި ހުރި އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފު ނިންމުމެއް ކަމަށާއި، ޖޭއެސްސީއިން އޭނާގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ ނުފޫޒު އޭގެ ތެރެއަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަދެފައިވާ ތަހުގީގެއް ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީއިން މަސައްކަތް ކުރަނީ ޝަރޫއީ ދާއިރާ އިސްލާހު ކުރުމަށް ވުރެ ބޮޑަށް ވަކި ސިޔާސީ ބައެއްގެ މުށުތެރެއަށް ޝަރުއީ ދާއިރާ ލުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވަން ތާވަލްކޮށްފައި ވަނިކޮށް މިދިޔަ ނޮވެމްބަރު ފަސްވަނަ ދުވަހު ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާ މަންޒަރު ފެންނަ ކާޓޫނަކާ އެކު އޭނާ ނޮވެމްބަރު ތިނެއްގެ ތަހުނިޔާ ވައިބާ ގުރޫޕެއްގައި ވިދާޅުވި މައްސަލަ ފެންމަތިވެގެން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.