ކެފޭ ތަކުގައި ޝީޝާގެ ޚިދުމަތް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ކާބޯތަކެތީގެ ޚިދުމަތްދޭ ކެޕޭ ރެސްޓޯރެންޓް އަދި ކެންޓީން ފަދަ ތަންތަން ބަލައި ފާސްކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި އިންސްޕެކްޝަންގެ މައުގަނޑު މަޤްސަދަކީ ކޮވިޑް 19 އާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުރިތޯ ބެލައި ފާސްކުރުން ކަމަށެވެ.

ގައިޑް ލައިންތަކާއި ޚިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ ކެފޭ ރެސްޓޯރެންޓްތަކުގައި މިހާރުވެސް ޝީޝާ ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޝީޝާ ބޭނުން ކުރުމަކީ ކޮވިޑާއި ގުޅިގެން މަނާކުރެވިފައިވާކަމެއް ކަމަށާއި ޝީޝާ ބޭނުންކުރާނަމަ ގައިޑްލައިންގައި ބަޔާންކުރާގޮތުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ކުރިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައިވެސް ޝީޝާ ބޭނުންކުރާކަން ފާހަގަކުރެވި، ފިޔަވަޅު އަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގޮނޑި މޭޒު އެތުރުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އަތުރާފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޒުގެ ކަންމަތިންނާއި އެހެން ގޮތަގޮތަށް މީހުން އެތުރިފައިވާތަން ފެނޭ. މިއީ އަޅުގަނޑުމެން ދެކެން ބޭނުން މަންޒަރެއް ނޫން.ޑިސްޓެންސް މެއިންޓެއިންކޮށް ގޮނޑިމޭޒް ބޭނުންކުރެވޭނެ ގޮތްތައް އެބަހުރި

މީގެ އިތުރުން ބައެއް ކެފޭ ތަކުގައިމަސައްކަތް ކުރާ މުވައްޒަފުން މާސްކް ނާޅާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް، މާލެސިޓީ ކައުންސިލް، އެޗްޑީސީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވޮލަންޓރުންގެ އެހީތެރިކަމާއި އެކުގައެވެ.

ނާސިރު ވިދާޅުވީ މި އިންސްޕެކްޝަން ކުރިއަށް ދާއިރު  އިންސްޕެކްޝަން ޓީމްތަކުގެ ތެރޭގައި ހިމެނޭނެ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅަކާއި ، އެޗްޕީއޭގެ ފަރާތުން ބޭފުޅަކާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅެއް ހިމެނޭނެ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.