ދެކޮޅުނުޖެހޭ, ފިތުނަވެރި، ދޮގު ވާހަކަދައްކަވާނަމަ، ހަމަ ޔަގީނުންވެސް ރައްޔިތުން ވޯޓުލާއިރު އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު މުހައްމަދު ސައިފް ވަނީ ސިޔާސީ މަންފާ ހޯދަން ވެކްސިންގެ ނުވަތަ ސިއްޙީ ހިދުމަތްތެރިންގެ އިތުބާރު ގެއްލޭފަދަ ވިޔާނުދާ ވާހަކަ ދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
LCE21 Campaign ge MDP Spokesperson dhevvaa Press https://t.co/qLOURmQh7T
— MDP Secretariat (@MDPSecretariat) February 3, 2021
އޭނާ ވިދާޅުވީ، ދުނިޔެ ވެކްސިނަށް ޖެހިފައިވާ މި ދަނޑިވަޅުގައި އިންޑިޔާއިން ރާއްޖެ އަށް ހިލޭ ދިން ވެކްސިނާ މެދު ޝައްކު އުފެދޭ މަގުން އިދިކޮޅު ފަރާތްތަކުން އަމަލުތައް ބަހައްޓަމުންދާތީވެ އެކަމުގެ މައްޗަށް ހިތާމަކުރާ ކަމަށެވެ.
އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑަރޝިޕްގެ ދަށުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސަލާމަތުގެ އައްސޭރި އެބަ ފެނޭ. ވެކްސިން ޖަހައިގެން، ސަރުކާރުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އެ އަންގަވަމުން ގެންދަވާ އިރުޝާދުތަކާ އެއްގޮތަށްގޮސް، ރާއްޖޭގެ ރައްޔިތުންނަށް، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހާ، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ
އެމްޑީޕީއިން އަބަދުވެސް އެންމެ އިސްކަން ދޭނީ ރައްޔިތުންގެ ސަލާމަތާއި، ސިއްހަތާއި، އާންމު މަސްލަޙަތަށްކަން ފާހަގަކުރައްވަމުން ސައިފް ވިދާޅުވީ، އެއިންކަމަކަށް ކުޑަވެސް ގެއްލުމެއް ލިބޭނެފަދަ ގޮތަކަށް އެ ޕާޓީގެ ކެމްޕެއިންގެ އެންމެ ހަރަކާތެއްވެސް ނުބާއްވާނެ ކަމަށެވެ.
އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ފަށާފައިވާއިރު އެ ޕާޓީގެ އަމާޒަކީ ކުރިމަތިލީ ގޮނޑިތަކުގެ 70 އިންސައްތަ ކާމިޔާބު ކުރުން ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މި ފަހަރު ނިކުންނާނީ ވާދަވެރިން ތިން ބަލިން ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް، ރައީސް ނަޝީދު ވިދާޅުވެފައެވެ.