ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން 2017 ވަނަ އަހަރު ނެރުނު އަމުރުތަކުގެ ތެރެއިން އަމުރެއް ރަނގަޅު ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ހައި ކޯޓުން މިއަދު ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ޤާނޫނާއި ހިލާފަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމާއި ގުޅިގެން ފާރިސް މައުމޫން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ރަނގަޅު އަމުރެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން 17 ޖުލައި 2017ގައި ފާރިސް ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ، ފާރިސް މުޖުތަމަޢުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެއެވެ.

އޭގެ ދެ ދުވަސް ފަހުން ވެސް ފާރިސް މައުމޫން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނެވެ. އެހެން ނަމަވެސް ހައިކޯޓުން ވަނީ އެ އަމުރު މިދިޔަ ހަފްތާގައި ބާތިލުކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެކިއެކި މައްސަލަތަކުގައި ފާރިސް މައުމޫން ހައްޔަރުކުރުމަށާއި ބަންދުގައި ބަހައްޓަން ގިނަ އަމުރުތަކެއް ކްރިމިނަލް ކޯޓުން ނެރުނެވެ. އެ އަމުރުތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ބައެއް މައްސަލަތައް މިހާރު ވަނީ ނިމިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.