މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގައި ހިމެނޭ ރަށްތަކުގެ ހަމަ އަގު ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި 37 ރަށަކާއި 12 ފަޅެއް ގާނޫނީ އިމުން ބޭރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން އެނގިފައިވާކަމަށެވެ.
37 ރަށް އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުމެން ބެލީމޭ އެއީ ގާނޫނީ އިމުގެ ތެރެއިން ދޫކޮށްފައި ހުރި ރަށްތަކެއްތޯ، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި 37 ރަށާއި 12 ފަޅާއި ދީފައި އޮތީ ގާނޫނުގެ އިމުގެ ތެރެއަކުން ނޫނޭ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު - ރައީސް އޮފީސް
މި މުއާމަލާތް ހިންގާފައިވަނީ މީގެކުރިން އަމަލުކުރަމުން އައި ޓުއަރިޒަމް ގާނޫނުގެ ފަސް ވަނަ މާއްދާއާއި ހިލާފަށެވެ. މި މައްދާގައި ބުނަނީ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ މިނިސްޓްރީން އާއްމުކޮށް އިއުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލުގެމަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށައެޅުމެއް ހުށައެޅި ފަރާތަކަށެވެ. ސަރުކާރުން އިންވެސްޓް ކުރާ ނުވަތަ ސަރުކާރު ބައިވެރިވެގެން އިންވެސްޓް ކުރާ ރަށްރަށާއި ބިންބިން މި އުސޫލުން އިސްތިސްނާވާނެ ކަމަށް މި މާއްދާގައިވެއެވެ.
މި މުއާމަލާތްތައް ހިންގިގޮތަށް ބަލާއިރު އެމްއެމްޕީއާރުސީއާއި ސަރުކާރާއި އެކު ޖޮއިންޓް ވެންޗަރ އެއް ހެދުމަށްފަހު އެ އެއްބަސްވުން (ބިޑުކުރުމަކާ ނުލާ) އެހެން ކުންފުންޏެއްގެ ނަމަށް ބަދަލުކުރެއެވެ. އެ ކުންފުނިން ލިބޭ ފައިސާތައް އެމްއެމްޕީއާރުސީން ގެންދިޔައީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ރިޕޯޓު ނިންމާ، ރައީސް އޮފީހަށް ފޮނުވުމުން ރަށްތަކުގެ ހަމަ އަގު ހޯދަން އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިކަން 'ޖަޒީރާ' އަށް ވަނީ ކަށަވަރުވެފައެވެ. އޮޑިޓް އޮފީހުގެ ބަހެއް ހޯދާލަން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއި ގުޅާލުމުން ފޯނު ނުނަންގަވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ބުނި ގޮތުގައި ހިޔާނާތުގައި ހިމެނޭ 49 ފަޅާއި ރަށް ކުއްޔަށް ދީފައިވަނީ ހަމައަގުގައިތޯ ކަށަވަރު ކުރުމަށްޓަކައި އޭރު ބޭނުންކުރެވުނު އުސޫލުތަކަށް ފައްތައިގެން ސަރޓިފައިޑް އޮޑިޓަރއެއް މެދުވެރިކޮށް ވެސް މަސައްކަތް ކުރިއެވެ. އަދި ބެލި ބެލުމުގައި ފަޅުތަކުގެ އަގު ދެނެގަތުމަށްޓަކައި ބޭނުން ކުރާނެ އުސޫލެއް އެކުލަވާލާފައިނުވާކަން ހާމަވެގެންދިޔައެވެ.
އެހެންކަމުން އެ ކޮމިޝަނުން ފަޅުތަކުގެ އަގުތައް ދެނެގަތުމަށްޓަކައި ބޭނުން ކުރީ ރަށްތަކުގެ އަގު ދެނެގަތުމަށްޓަކައި ބޭނުންކުރާ އުސޫލެވެ. މި އުސޫލަށް ބިނާކޮށް އަގުކުރާއިރު އެ ރަށްތަކުގެ އަގު 3.4 ބިލިއަން ރުފިޔާއަށް އަރާއިރު ފަޅުތައް ހިމަނައިފިނަމަ 4 ބިލިއަން ރުފިޔާއަށް ވުރެ މި އަދަދު އިތުރުވާނެއެވެ. ކޮމިޝަނުން ހާމަކުރި ގޮތުގައި ދައުލަތަށް ލިބިފައިވަނީ މި އަދަދުގެ އެންމެ ހަތަރުބައިކުޅަ އެއްބައެވެ.