ފުރާނަ ސަލާމަތްކުރުމަށްޓަކައި ވެކްސިން ޖެހުމަކީ ޝަރުޢީ މަގުސަދުތަކުގެ ނަޒަރުން ބަލާއިރު ޒަރޫރީކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްހީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހާ ރައްޔިތުން ކޮވިޑުން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމައަށް ހޯދައިދެވޭނެ ރައްކާތެރިކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޒަރުއީ މަގުދުތަކުގެ ނަޒަރުން ބަލާއިރު ޒަރޫރީކަމެއް
ﷲ ގެ ޙަޟްރަތަށް ވަކީލުކޮށް ޞިއްޙީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހާ ރައްޔިތުން ކޮވިޑް19 އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމަޢަށް ހޯދައިދެވޭނެ ރައްކާތެރިކަމެއްކަމުގައި އަޅުގަނޑު ދެކެން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 3, 2021
ގައުމަށް ކުރިމަތިވެފައިވާ ނާޒުކު އަދި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަން ޝަހީމް ވަނީ ބާރުއަޅުއްވާފައެވެ.
ރާއްޖޭގައި ކޮވިޑް އިން ދިފާއުކޮށްދޭ ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ދުވަހުއެވެ. ރާއްޖޭގައި ޖަހަން ފަށާފައިވަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
އިންޑިއާއިން ހަދިޔާކުރީ 100،000 ޑޯޒްގެ ވެކްސިނެވެ. އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި، ހައި ރިސްކު ފަރާތްތަކުގެ އިތުރުން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މިއަދު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ވަނީ ފަށާފައެވެ.