Environment Ministry
ފެން ފަށަލަ ދިރަސާކުރަން ދެ ކުންފުންޏަކަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

19 ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރުމަށް ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިތިޓީ ހެދުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީން ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ފެން ފަށަލަ އިޔާދަކުރުމަށް ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ގޮތަށް މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މަރިޔަމް މުހައްމަދު ޒަކީއެވެ. އަދި އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާވިޔަތު އަބްދުއްސައްތާރެވެ.

އެއްބަސްވުމުގެ ދަށުން ފެން ފަށަލަ ދިރާސާކުރާން ހަވާލުކުރި ރަށްތައް 

 • އއ. މަތިވެރި
 • އއ.ހިމަންދޫ
 • އދ.ކުނބުރުދޫ
 • ދ.ބަނޑިދޫ
 • ދ.ހުޅުދެލި
 • މ. ނާލާފުށި
 • މ .ވޭވަށް
 • ތ.ކަނޑޫދޫ
 • ތ.ވަންދޫ
 • ތ.އޮމަދޫ
 • ތ.ދިޔަމިގިލި
 • ތ.ގާދިއްފުށި
 • ށ.ފޯކައިދޫ
 • ގއ.މާމެންދޫ
 • ގއ.ނިލަންދޫ
 • ގދ.ފަރެސްމާތޮޑާ
 • ގދ.ރަތަފަންދޫ
 • ގދ.ނަޑެއްލާ
 • ގދ.ހޯނޑެއްދޫ

މި މަސައްކަތްކުރުމަށް ރިއަން އަދި އިޕޮކްއާ ހަވާލުކުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގަކީ 7،216،115 (ހަތް މިލިއަން ދެލައްކަ ސޯޅަހާސް އެއްސަތޭކަ ފަނަރަ) ރުފިޔާއެވެ. މިމަސައްކަތް ނިންމުމަށް ހުށަހަޅާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 9 މަސް ދުވަހުގެ ތެރޭގައެވެ.

ގްރީން ކްލައިމެޓް ފަންޑުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ 2017 ވަނަ އަހަރުގެ މޭމަހުގެ ނުވަޔަކުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި، ފެނުގެ ފަށަލަ ދިރާސާކޮށް މޮނިޓަރ ކުރުމާއި، ހޫނު މޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދަމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލަވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

2
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.