އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ- ފޮޓޯ: އެޗްއީއޯސީ

މިވަގުތު ޕްރީސްކޫލުތައް ފިޔަވާ އެހެން ދަރިވަރުންނަށް ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ހާލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަމުންދާއިރު ސްކޫލްތައް ހުޅުވައިގެން ކިޔަވާދޭތީ އާއްމުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުން ވައިރަހަށް ޕޮޒިޓިވްވުމަކީ ވެސް ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ނެރުއްވި ބަޔާނުގައި ވަނީ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާ ހޯދަމުންދާ ކަމަށެވެ. އަދި މިހާތަނަށް ސްކޫލްތައް ބަންދުކޮށްފައި ނުވަނީ ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލައިފިނަމަ، އެކަމުގެ ނޭދެވޭ އަސަރުތައް ދަރިވަރުގެ މުޅި ޢުމުރަށް ކުރާނެތީ ކަމަށް އެބަޔާނުގައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ މިނިސްޓްރީން އެންމެ އިސްކަން ދޭ ކަންތައް ކަމަށާއި އެކުދިންނަށް ފާގަތި މުސްތަޤްބަލެއް ލިއްބައިދިނުމަށްޓަކައި، ކިޔަވައިދޭ ވަގުތު ހިމާޔަތްކުރުން ވަރަށް މުހިއްމު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުން އެއްވެސް ގޮތަކަށް ބަލި ފެތުރިފައި ނުވާކަމަށެވެ. އަދި ސްކޫލުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސްކޫލްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު އެޗްޕީއޭގެ ރުހުން ވެސް ލިބިފައިވާ ކަމަށް މިނިސްޓަރގެ ބަޔާނުގައިވެއެވެ.

ސްކޫލްތަކުން އެއްވެސް ގޮތަކަށް ބަލި ފެތުރިފައެއްނެތް ނުވޭ. އަޅުގަނޑުމެން މި ދަނީ ވަރަށް ކައިރިން ސްކޫލުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މޮނީޓަރ ކުރަމުން. މި ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ގިނައިން އަތްދޮވުމާއި ސްކޫލްގައި އުޅޭއިރު ގައިދުރުކުރުމާއި ހުރިހާ އިރެއްގައި މާސްކު އަޅައިގެން ހުރުން ހިމެނޭ. އަދި ކިޔަވައިދޭ ތަންތަނުގައި، ވައިފަހިކޮށް ދައުރުވާގޮތަށް ކަންތައްތައް ކުރޭ. ދަރިވަރުން އަތްލާ ތަންތަން ގިނައިން ޑިސްއިންފެކްޓް ކުރެ ވޭ. މި ފިޔަވަޅުތަކާ މެދު، އެޗްޕީއޭގެ ރުހުން ސްކޫލްތަކަށް ވަނީ ލިބިފައި.

މިނިސްޓަރ ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ކޮންމެ ދަރިވަރަކަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ސްކޫލު ބަންދުކުރަން ސިއްހީ މާހިރުން އިރުޝާދު ދެއްވައިފިނަމަ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ކުދިން ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *