އޮންލައިން ކެބިނެޓް ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ

ދިވެހިރާއްޖެއިން "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ހުށަހަޅާފައިވާ ކަރުދާހަކަށް އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މި ދެ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމުތަކުގައި، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި، އެ ޤައުމުތަކުގެ ކަމާގުޅޭ އިދާރާތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ރާއްޖޭގައިވެސް، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ބޭނުންކުރެވޭނެއެވެ.

މި ދެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި، އެއް ޤައުމުން އަނެއް ޤައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިޢުތިރާޒު ކުރުމަށް، ކެބިނެޓުން ވަނީ ލަފާ ދެއްވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.