ދެހާސް ތޭވީސް ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ ގިނަ ރަށްތަކުގައި އިޔާދަކުރަނި ހަރަތަ ބޭނުންކުރާ މިންވަރު 80 އިންސައްތައަށް އިތުރު ކުރާނެ ކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަން ލިިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ރާއްޖޭގެ ރައްޔިތުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފިއެވެ.

މިއަދު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ފެށި އިންޖިނިއަރުންގެ މަހާސިންތާ 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ، ރާއްޖެއަށް އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަމުގެ ވާހަކަ 2004 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ކަމަށެވެ.

 2004 ވަނަ އަހަރުން ފެއްޓިގެން އަޅުގަނޑުމެން ދައުވާ ކުރަމުން އަންނަނީ ދިވެހި ރާއްޖެއަށް ގްރީން އެނަރޖީ ނުވަތަ ސާފު އެނާރޖީ އެބަ ބޭނުންވެއޭ. އެކަން އަޅުގަނޑުމެން ކުރަން ވެއްޖެއޭ.  ސައީދު ވިދާޅުވިއެވެ.

އެމްޑީ ސައީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ހުރި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނެޓްވޯކުތަކުން އުފެއްދެނީ 16 މެގަވޯޓުގެ ކަރަންޓު ކަމަށާއި އޭގެ ތެރެއިން 8 މެގަވޯޓު ހިއްސާ ކުރަނީ ފެނަކައިން ކަމަށެވެ.

ހިތާމައަކީ މުޅި ޖުމްލަ ދިވެހި ރާއްޖޭގައި ގާއިމް ކުރެވިފައިވާ ނެޓްވޯކްތަކުން ލިބޭ މެގަވޯޓަކީ 16 މެގަވޯޓް، އޭގެ ތެރެއިން 8 މެގަވޯޓު ހިއްސާ ކުރަނީ ފެނަކަ ކޯޕަރޭޝަނުން.  ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ މަހުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިން ގުނައަށް އިތުރުކުރާނެ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެއްޓިގެން އަޅުގަނޑުމެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިން ގުނައަށް ބޮޑުކޮށް، ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި 2023 ވަނަ އަހަރު އައުމުގެ ކުރިން 80 އިންސައްތައަށް ބަދަލުކުރާނެ ކަމަށް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަރުވަން. އެކަމަށް ކުރަން ޖެހޭ ހުރިހާ ތައްޔާރީތައް މިހާރުވާނީ ވެފައި އެމްޑީ ސައީދު ވިދާޅުވިއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ފެނަކައިން އަމާޒު ހިފާފައިވާއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖެއަކީ އޭޝިއާ ސަރަހައްދުގެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.