ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕްއަށް އަނިޔާވެ ސީޒަންގެ ބާކީ ބައިގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 29 އަހަރުގެ މަޓިޕްއަށް އަނިޔާވީ 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވި މެޗުގައެވެ. އޭނާއަށް ކުރިމަތިވެފައިވަނީ ލިގަމެންޓް އިންޖަރީއެކެވެ. މިއީ ޓޮޓެންހަމްގެ ފޯވާޑް ހެއުން މިން ސޮން އަތުން ބޯޅަ ހޯދުމަށް ކުރި ޓެކުލެއްގައި އޭނާއަށް ލިބުނު އަނިޔާއެކެވެ.
މަޓިޕްގެ އިތުރުން ލިވަޕޫލްގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކް އަދި ޖޯ ގޯމޭޒްއަށް ވެސް ވަނީ އަނިޔާގެ ސަބަބުން ސީޒަން ނިމިފައެވެ. މި އަނިޔާތަކުގެ ސަބަބުން ފިނި މޫސުމުގެ ޓްރާންސްފަރގެ އެންމެފަހު ދުވަހު އެޓީމުން ވަނީ ބެން ޑޭވީސް އަދި އޮޒާން ކަބާކް ގެނެސްފައެވެ.
މަޓިޕްގެ އަނިޔާއާ ގުޅިގެން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކުރިޔަށް އޮތް ޕްރީ ސީޒަނަށް އޭނާ އެއްކޮށް ފިޓުވެ ނިމޭނެ ކަމަށެވެ. ޓޮޓެންހަމްއާ ދެކޮޅަށް ވެސް މަޓިޕް ކުޅެން ނުކުތީ އެއްކޮށް ފިޓު ނުވަނީސް ކަމަށް ވެސް ކްލޮޕް ހާމަކޮށްފައިވެއެވެ.
އަނިޔާގެ މައްސަލަތައް ކުރިމަތިވެ މި ސީޒަނުގައި ލިވަޕޫލްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ޑިފެންޑަރުން ހުސްވެ އެޓީމުން ވަނީ ބައެއް މެޗުތަކުގައި މިޑްފީލްޑަރުން ކަމަށްވާ ކެޕްޓަން ޖޯޑަން ހެންޑަސަން އަދި ފަބީނިއޯ ވެސް އެންމެ ފަހަތަށް ކުޅުވާފައެވެ. އަދި ފާއިތުވެދިޔަ ސީޒަންތަކާއި އަޅާބަލާއިރު އެޓީމުގެ ކޮޅަށް ވަންނަ ލަނޑުގެ އަދަދު ވެސް މި ސީޒަނުގައި ވަނީ އިތުރުވެފައެވެ.