”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފިއެވެ.
ޓީ.އޭ.ސީ. އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މި މުއާހަދާއަކީ ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި، މުޢާހަދާގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާއެކެވެ.
ޓީ.އޭ.ސީގައި ބައިވެރިވުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިމިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅިގެންނެވެ. އެގޮތުން، މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެ މުޢާހަދާގައި ބައިވެރިވުމަށް ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާއެކު އާސިއާންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެއެވެ.