ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުންނާއި އެކު "ފެނަކަ ކޯޕަރޭޝަންގެ އިންޖިނިއަރުންގެ މަހާސިންތާ 2019" މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފަށައިފިއެވެ.

މި މަހާސިންތާއަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުތަކުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ. އެގޮތުން މި މަހާސިންތާގައި ފެނަކައިގެ 152 ބްރާންޗުން  189 ފަންނީ މުވައްޒަފުން ބައިވެރިވެއެވެ.

ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ 2019، ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، މަތީ ފަޑީގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝުން ކަރަންޓް ފޯރުކޮށްދިނުމުގެ ބާނީއަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"މުޅި ދިވެހި ރާއްޖެއިން 2008 ވަނަ އަހަރާއި ހަމައަށް ކަރަންޓް ހައްޤުވީ 28 ރަށެއްގެ ރައްޔިތުންނަށް. އެ 28 ރަށުގެ ރައްޔިތުންނާއި އެކު މިތަން އުދަރެސްކޮށްދެއްވާ ބަދަލުކޮށްދެއްވި ބާނީއަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ" ސައީދު ވިދާޅުވިއެވެ.

އަދި ކުންފުނީގެ މެނޭޖުމެންޓާއި ހަވާލުމަށް ފަހު ފުރަތަމަވެސް އިސްކަން ދިން އެންމެ ބޮޑު ކަމަކީ ވައްކަމުން ކުންފުނި ސަލާމަތްކުރުން ކަމަށާއި،ނަތީޖާއެއްގެ ގޮތުން 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށްވެސް އެމްޑީ ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ކުރި ކަމަކީ ވައްކަމުން ކުންފުނި ސަލާމަތް ކުރުން. ނަތީޖާއަކީ މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް 23 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސަލާމަތް ކުރެވުނު ހަމައެކަނި އިސްރާފާއި ވައްކަން ހުއްޓުނީތީވެ. އެއީ މިއަދު ފެނަކައަށް ލިބުނު ކުރިއެރުމަކީ" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލަކީ ކުންފުނީގެ މުވައްޒަފުން ކަން ސައީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން  މެނޭޖުމެންޓާ ހަވާލުމަށް ފަހު އެންމެ ފުރަތަމަވެސް ކުރި ކަމަކީ މި ބޭފުޅުންނަށް ލިބެން ޖެހޭ ހައްޤު މިންވަރު ހޯދައި ދިނުން އެގޮތުން ޕްރޮމޯޝަން ދިނުމާއި މުސާރައިގެ ކުރިއެރުން މިހާރު ވާނީ ދެވިފައި" ސައީދު ވިދާޅުވިއެވެ.

އެމްޑީ ސައީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ދަތިވަނީ ކޮންމެ ރަށަކަށް ވަކި ވިއުގައަކުން ކަރަންޓް ފޯރުކޮށްދޭން ޖެހޭތީ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ސަބްމެރިން ކޭބަލް އަކުން ގިނަ ރައްތަކެއްގެ ކަރަންޓު ވިއުގަ ގުޅާލާނެ ކަމަށެވެ. 

އަދި މުސްތަގުބަލުގައި އިޔާދަކުރަނިވި ހަކަތައިން ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޑީ ސައީދު ވިދާޅުވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ރަށަކަށް އިހުމާލު ނުވާނެ ކަމަށާއި، މި ސަރުކާރުން ކޮންމެ ރަށަކަށްވެސް ކަރަންޓު ފޯރުކޮށްދޭނީ ހަމަހަމަ ކަމާއި އެކުގައި ކަމަށެވެ.

"މީގެ ކުރިން ފެނަކައިން އެބަހުރި ބައެއް ރަށްތަކަށް އިހުމާލުވެފައި، ނަމަވެސް އަޅުގަނޑު ޔަޤީންކަން މި އަރުވަނީ އަޅުގަނޑުމެން މަސައްކަތް މިކުރަނޫ ރައްޔިތުންގެ ޖީބަށް އެންމެ ލުއިވާނެހެން އެއްވެސް ރަށެއް ބާކީ ނުކޮށް ކަރަންޓުގެ ހިދުމަތް ހަމަހަމަ ކަމާއި އެކު ފޯރުކޮށްދިނުމަށް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް 60 އަށް ވުރެ ގިނަ ފެނަކަ މެދުވެރިކޮށް ފޮނުވާފައިވާނެ ކަމަށެވެ.

ފެނަކަ އިންޖިނިއަރުންގެ މަހާސިންތާ އަކީ ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގިތުން ދިމާވާ ގޮންޖެހުން ތަކަކީ ކޮބައިތޯ ދެނެގަނެ އެކަމަށް ހައްލެއް ހޯދޭނެ ގޮތާއި މެދު މަޝްވަރާކުރުމަށް ފެނަކައިގެ އިންޖިނިއަރުންނާއި، ބްރާންޗުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަހާސިންތާއަކީ އެއް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މަހާސިންތާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.