President Ibrahim Mohamed Solih
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޯވިޑް-19 ގެ ބަލި ފެތުރޭ މިންވަރު ކުއްލިގޮތަކަށް އިތުރުވާން ފެށުމާ ގުޅިގެން، މާލޭ ސަރަޙައްދުގައާއި އަތޮޅުތެރޭގައި އަޅުއްވަމުން ގެންދަވާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

ކޮވިޑް ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިއަދު ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތުން، ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުވަތަކާ ގުޅޭ މަޢުލޫމާތު ވަޒީރުންނާ ހިއްސާ ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ރައީސްވަނީ، މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންތައްތައް ރާވަމުންގެންދެވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، ކުރައްވަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިހާރުވަނީ ރޭގަނޑު 11:00 އިން ފަތިހު 04:30 އަށް ކަރފިއު އިއުލާންކޮށްފައެވެ. އަދި ރޭގަނޑު 08:30 އިން ފެށިގެން 11:00 އަށް ދުއްވާއެއްޗިސް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

މީގެއިތުރުންވެސް، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރުމަށް އިލްތިމާސްކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅަންވަނީ މަޖުބޫރުކޮށްފައެވެ. ކޮލެޖް ޔުނިވަރސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށް، ޕްރީސްކޫލްތައް ބަންދުކުރުމަށާއި، ޕާކުތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތައްވެސް ހުއްޓާލުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.