ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމުމާއި ގުޅިގެން އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފިއެވެ.
އެޗް.ޕީ.އޭ އިން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، މިއަދު އިއުލާންކުރި ފިޔަވަޅުތަކަށް އެމަނިކުފާނު ތާއީދު ކުރައްވާކަމަށެވެ. އެންމެން އެކުގައި ގުޅިގެން ކޮވިޑް އިން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު މި ބަލިން ސަލާމަތްވާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
Strongly support the new steps announced today to stop the spread of Covid 19. Let us all join hands in fighting this disease. With the grace of Almighty Allah we can win this battle. @presidencymv @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) February 2, 2021
ފާއިތުވި ހަފްތާ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވަމުންދާން ފެށުމުން ރައީސް މައުމޫންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރުން މިހާރަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވެސް އެމަނިކުފާނު ވަނީ އޭރު ގޮވާލެއްވިއެވެ.
ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިހާރުވަނީ ރޭގަނޑު 11:00 އިން ފަތިހު 04:30 އަށް ކަރފިއު އިއުލާންކޮށްފައެވެ. އަދި ރޭގަނޑު 08:30 އިން ފެށިގެން 11:00 އަށް ދުއްވާއެއްޗިސް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
މީގެއިތުރުންވެސް، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރުމަށް އިލްތިމާސްކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅަންވަނީ މަޖުބޫރުކޮށްފައެވެ. ކޮލެޖް ޔުނިވަރސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށް، ޕްރީސްކޫލްތައް ބަންދުކުރުމަށާއި، ޕާކުތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތައްވެސް ހުއްޓާލުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ.