President Ibrahim Mohamed Solih
ރައީސު އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް

މިހާރު ދިވެހިރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މާދަމާއިން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

މާދަމާއިން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ރައީސްވަނީ މިއަދު ހަމަޖައްސަވާފައެވެ. މި އުސޫލުތަކަށް އަމަލުކުރަންޖެހޭނީ މި ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުންނެވެ. އެގޮތުން، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް ވަނީ އަންގާފައެވެ. މިގޮތުން، ޓީމުތަކަށް ބަހާލައިގެން ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އަދި، އެ އިދާރާއަކުން ދޭ ޚިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވެސް މި އުޞޫލުގައި ކަނޑައަޅުއްވާފައިވެއެވެ.

މިއަދު އެކުލަވާލި އުސޫލުތަކާއެކު، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، އެހެން އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެހެން ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތުގައިވެސް ހަވީރު 04:00 ގެ ފަހުން ހުޅުވާފައި ނުބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި، ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ދެމުންދިޔަ ހިދުމަތްތައް އެގޮތަށް ދިނުމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަށާއި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލަނބުމަށްވެސް ރައީސް އޮފީހުންވަނީ އަންގާފައެވެ. އަދި، ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅައި ހުރިހާ ފަރާތްތަކުންވެސް ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.