މުޒާހަރާއަށް ނުކުތުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރޭގެ މުޒާހަރާއަށް ނިކުތުމުން ބައެއް ނޫސްވެރިންގެ ގައިގެ އެކިތަންތަން ކަނޑައިގެން ގޮސްފައިވާ ކަމަށާއި ބައެއް އާންމު މެންބަރުންގެ އަތް ބިންދައިގެން ގޮސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މުޒާހަރާ ކުރުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން މުޒާހަރާއަށް ނިކުތުމަކީ ވަރަށް ވޭން ހުރި ކަމެއް، ރޭގަ އަޅުގަނޑުމެން ނިކުތީމަ ވީގޮތް ތިބޭފުޅުންނަށް ސޯޝަލް މީޑިއާއިން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ތެރެއިން މީހުންނަށް ލިބުނު އަނިޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނިކުންނަނީ ފުލުހުންނާ ކުރިމަތިލާކަށް ނޫން ކަމަށާއި ޝުއޫރު ފާޅުކޮށް ރައީސް ޔާމީން ދޫކޮށްލަން ގޮވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފުލުހުންގެ އޯޑަރުތަކަށް ކިޔަމަންވާނެ ކަމަށާއި އެމްޑީޕީން ކުރިން މުޒާހަރާ ކުރާ ގޮތަށް އަލިފާން ބޯޅަ އުކައި އަލިފާން ރޯ ނުކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީން ރޭ ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން ކޮންމެ ރެއަކު މުޒާހަރާ ކުރުމަށެވެ. އެގޮތުން މިރޭ ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ އިތުރުން އަންނަ ހުކުރު ދުވަހު ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.