Sinopharm vaccine
ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިން -- ފޮޓޯ: ރޮއިޓާރސް

ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

މިއަދު އެ ސެންޓަރުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހެޔޮއެދޭ ފަރާތަކުން، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިިން އަދި ހުއްދަ ދީފައިނުވާތީ، ވެކްސިންތައް ހުރީ ސްޓޯރޭޖްގައި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިން ހޯދައި ބަލަންޖެހޭ ކަންތައްތައް އެމް.އެފް.ޑީ.އޭ އިން ބަލާނެކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ސަރުކާރުގެ ހިއްސާ އޮންނަ ސައިނޯފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނަކީ ފޭސް 3 ޓްރަޔަލްތައް ފުރިހަމަކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ ޓްރަޔަލްތަކުގެ ފުރިހަމަ ނަތީޖާތައް އެ ކުންފުނިން އާންމުކޮށްފައި ނުވިނަމަވެސް، ވެކްސިންގެ އެފިކަސީ ރޭޓަކީ 79 އިންސައްތަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ވެކްސިން މިހާރު ޗައިނާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައިވެސް އަންނަނީ ދެމުންނެވެ. އެ ގައުމުގައި ހެދި ތަހުލީލުތަކުން މި ވެކްސިންގެ އެފިކަސީ ރޭޓަކީ 86 އިންސައްތައެވެ.

ދިވެހިރާއްޖޭގައި އިއްޔެ ވެކްސިން ދޭންފަށާފައިވާއިރު، މިހާރު ދެމުންގެންދަނީ އޮކްސްފޯރޑް- އޮސްޓްރަޒެނެކާގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ 100،000 ޑޯޒް ދިވެހިރާއްޖެއަށް އިންޑިއާއިންވަނީ ހަދިޔާކޮށްފައެވެ.

މީގެއިތުރުންވެސް، އަންނަ މާޗު މަހުގެ ތެރޭގައި އޮކްސްފޯރޑް- އޮސްޓްރަޒެނެކާ އާއެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުންވެސް ވެކްސިން މި މަހުގެ ތެރޭގައި ލިބޭއިރު، ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓް ކުރާ ގައުމަށް ހެދުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.