Home Minister Imran
-- ފޮޓޯ: ސަން

އަދާލަތު ޕާޓީގެ ރައީސްއާ ނައިބު ރައީސް ހޮވުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ "ރިޔާސީ އިންތިހާބު" ބާތިލް ކޮށްދިނުމަށް އެދި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިހާބު ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރު އެ ޕާޓީގެ ކޮންގްރެސްއިން ނިންމި ނިންމުންތައް ބާތިލްކުރުމަށް އެދި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ އިއްޔެވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އެއީ އިންތިހާބު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށް ނަޒީރުވަނީ ވިދާޅުވެފައެވެ. އެގޮތުން، މި މައްސަލަ ހުށަހަޅާފައިވަނީ އިންތިހާބު ބޭއްވުމުގެ ކުރިންކަންވެސް ނަޒީރު ފާހަގަކުރެއްވިއެވެ.

"އަދާލަތު ޕާޓީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ، ޕާޓީއާ ދެކޮޅަށް ނިމިއްޖެ ނަމަ އިލްމުވެރިންގެ މަޖިލިސް ފިޔަވައި އެހެން ތަންތަން އުވިގެންދާނެ. މަޝްވަރާ މަޖިލިސް ވެސް އުވިގެންދާނެ" ނަޒީރު ވިދާޅުވިއެވެ.

މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ވަނީ ކުރިން ހުށަހަޅާފައެވެ. އެ ކޮމިޝަނުން މައްސަލަ ނިންމާފައިވަނީ އަދާލަތު ޕާޓީއާ އެއްކޮޅަށެވެ. ނަޒީރު ވިދާޅުވީ، އިލްމުވެރިންގެ މަޖިލިސް ފިޔަވައި އެހެން ތަންތަން އުވިފައިވާނަމަ މަޝްވަރާ މަޖިލީހުން ދުސްތޫރަށް ގެނައި ބަދަލުވެސް އީސީއިން ބަލައި ނުގަންނާނެކަމަށެވެ. އެ ޕާޓީއިން ދުސްތޫރަށް ގެނައި ބަދަލުތައް އީސީއިން ބަލައިގަނެފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

މީގެއިތުރުންވެސް، ޕާޓީގެ ދުސްތޫރާ ހިލާފު އެއްވެސް ނިންމެވުމެއް ނިންމާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ނަޒީރު ވިދާޅުވިއެވެ. މައްސަލަ ހުށަހަޅާފައިވަނީ ޕާޓީގެ ދުސްތޫރާއި ރާއްޖޭގެ ޤާނޫނުތައް ހިނގާ ގޮތް ސާފު ނުވުމުން ކަމަށާއި ކޯޓުން އެކަންކަން ސާފުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.