TC vs Valencia
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޖަޒީރާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީ ކޮޅު ވެލެންސިއާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ. އެގޮތުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަދި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާތައް ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. މި ހާފުގައި ޓީސީއަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ބިދޭސީ ފޯވާޑް މެލްކަމް ކޮނޭލިއަސް ސްޓެވާޑަށެވެ.

ވެލެންސިއާއިން މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ. މި ލަނޑާއިއެކު ވެސް ވެލެންސިއާއިން ވަނީ ފުލުފުލުގައި ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ މިޑްފިލްޑަރު އެންޓޯނިއޯ ސޮލާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. މެޗުގައި ވެލެންސިއާއިން ލީޑު ފުޅާ ކުރީ 85 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ) ކާމިޔާބު ކުރި ލަނޑުންނެވެ.

މި ނަތީޖާއާއިއެކު ވެލެންސިއާއިން ލީގު ތާވަލުގެ ދެވަނައަށް ޖެހެލީ އެއްމެޗު އިތުރަށް ކުޅެ ލިބުނު 15 ޕޮއިންޓާއިއެކުގައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް 8 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް މާޒިޔާއަށް 8 މެޗުން 18 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި މެޗުން ބަލިވި ޓީސީއަށް 9 މެޗުން ލިބުނު 9 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ 5 ވަނައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.