ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުކުރީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ޔާމީން ފުުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރު އެކެއް ޖަހާކަށްހާއިރުއެވެ.
ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި، ޔާމީން ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީ މައްސަލައާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން، އެ މައްސަލައާއި ގުޅޭ ގޮތުން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔާމީން ހާޒިރުކުރެވުނީ އިތުރު ރަށެއްގެ މުއާމަލާތްތަކާއި ގުޅޭގޮތުންކަމަށް ފުލުހުން ބުނިއިރު، ޤާނޫނީ ވަކީލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން "ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ހާލެއްގައި އާ މައްސަލައެއްގެ ތުހުމަތުގައި ނޫން" ކަމަށެވެ.
ޔާމީން މިހާރުވެސް ހުންނެވީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.
އޭގެ އިތުރުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާ، ޝަރީއަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.