ފަރުކޮޅުފުށި މެޑިކަލް ފެސިލިޓީގެ ޚިދުމަތްތައް މާދަމާ އަލުން ފެށުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ފެސިލިޓީ އަލުން ހުޅުވާލާއިރު އެތަން ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަން ފޯރޮކޮށްދެމުންދާނެ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބޭތިއްބުމަށްޓަކައި ސަރުކާރުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރުދުކޮށްގެން ގާއިމްކޮށްފައިވާ ފެސިލިޓީގެ ޚިދުމަތް މަރާމާތަށްޓަކައި އެތައް ފަހަރެއްގެ މަތިން ވަނީ މެދުކަނޑާލާފައެވެ. އަދި އެޔަށްފަހުވެސް އެ ފެސެލިޓީއަށް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއްގެ ފައިސާ ހަރަދުކޮށްފައިވެއެވެ.
ފެސިލިޓީ އެންމެ ފަހުން ބަންދުކުރަން ޖެހިފައިވަނީ ކަރަންޓް މައްސަލަ ދިމާވުމާއި، ފުރާޅުން ފެން ލީކްވުންފަދަ މައްސަލަތައް ދިމާވުމުންނެވެ. މީގެ އިތުރުން މަދިރީގެ އުނދަގޫތައް ދިމާވެ މީހުންގެ ޝަކުވާތައް ލިބެމުން ދިއުމާއި ގުޅިގެންނެވެ.
ފަރުކޮޅުފުށި ފެސިލިޓީ މަރާމާތަށް ފަހު އެންމެ ފަހުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާއެކުއެވެ. އަދި ކޮންމެ ވޯޑެއްގައި ދެ ފާޚާނާ ބެހެއްޓިފައިވެއެވެ.
މީގެއިތުރުން ފެސިލިޓީގެ ވާރޑުތައް އޭސީކޮށް، ހުރިހާ ވާރޑެއްގައި ބިއްލޫރި ވަނީ ޖަހާފައެވެ. އަދި ޓީވީ ހަރުކޮށް، ކޮންމެ ވާރޑެއްގައިވެސް ވައިފައިގެ ޚިދުމަތާއި އެކު ޓީވީ ވަނީ ބަހައްޓާފައެވެ.
ފަރުކޮޅު ފުށީ ފެސިލިޓީ ގައި ނަރުހުންނަށް ޚާއްޞަކޮށް ނަރސިންގ ސްޓޭޝަނެއްވެސް ޤާއިމުކޮށްފައިވެއެވެ.