މި ފަހުން ރާއްޖެއިން ފެންނަ ކޮވިޑް-19 ގެ ކޭސްތައް އެހާ މަތިވެގެން ދިޔައީ ވައިރަހުގެ އައު ވޭރިއަންޓްގެ ސަބަބުން ކަމަށާއި، ރިޕޯޓްކުރެވޭ ކޭސްތަކުގެ 30 އިންސައްތަ އަކީ ވައިރަހުގެ އައު ވޭރިއެންޓްކަމަށް ފަބްލިކް ހެލްތް އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލުމަކީވެސް ކޭސްތައް އިތުރުވި އެއް ސަބަބު ކަމަށެވެ.
ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ
އައު ވޭރިއެންޓާ އެކު ބަލި މިހާރަށްވުރެ ބޮޑަށް ފެތުރިގެން ގޮސްދާނެ ކަމުގެ އިންޒާރު ޝީނާ ދެއްވިއެވެ. މީގެ ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ފަރާތުން އިތުރު ދެ މީހަކަށް ބަލި ޖައްސައެވެ. އެކަމަކު އައު ވޭރިއަންޓާ އެކު އެކަކުގެ ފަރާތުން ފަސް މީހަކަށް ބަލި ޖައްސައެެވެ.

ޑރ. ޝީނާގެ މި އިންޒާރުތަކާއެކު އޭނާ ވަނީ މިހާރަށްވުރެ ބޮޑަށް ހުރިހާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަކީ ކޮވިޑްގެ ހައި ރިސްކް ޤައުމެއް
ޝީނާ ވިދާޅުވީ، ކުރިން ރާއްޖެ އައި ކޮވިޑުގެ ވޭވްތަކުގައި ކޭސް ލޯޑް ދަށްކުރެވިގެން ދިޔައީ އަޅާފައިވާ ފިޔަވަޅުތަކަށް މީހުން އަމަލުކުރާ މިންވަރު (ކޮމްޕްލަޔަންސް) މަދު ކުރެވިގެން ދިޔުމުން ކަމަށެވެ.
އެކަމަކު ފިޔަވަޅުތައް ވަރުގަދަ ކުރިޔަސް އެންމެ އެކަށީގެންވާ ވަރަށް ބޯނުލަނބާނަމަ އަނެއްކާވެސް ސިއްހީ ނިޒާމަށް ނުކަތާނެ ކަމުގެ އިންޒާރު ޝީނާ ދެއްވިއެވެ.
އާބާދީގެ ގިނަ ބަޔަކު ކޮމްޕްލައިން ނުކުރަންޏާ އަޅުގަނޑުމެންނަށް މެޝާގެ ފައިދާއެއް ނެތޭ
އޭނާ ވިދާޅުވީ، އެކި ކަހަލަ އިޖްތިމާއި އިވެންޓްތަކަކީ ބަލި ފެތުރޭ މިންވަރު އިތުރުވާކަމެއް ކަމަށާއި، މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާނަމަ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. ކޮވިޑް ފެތުރެމުންދާ މިންވަރަށް ބަލާނަމަ ރާއްޖެ އޮތީ ހައި ރިސްކު ގައުމުގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.