ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެެެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަމަށެވެ. ހައްޤުގޮތް ސާފްވެ ބަޔާންވުމުން އެގޮތް ޤަބޫލުކުރުމުގައި ފަސްޖެހުމެއްނެތި ވަގުތުން އަމަލުކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގަ އަށަގެންފައިވާކަންވެސް މިނިސްޓަރު އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އިމްރާން  ގޮވާލައްވައި ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް ދީނާ ޤައުމުދެކެ ލޯބިވާ ހުރިހާ ޢިލްމްވެރިންނާއި ރައްޔިތުން ސަރުކާރަށް އެހީތެރިވުމަށް މިރޭ އަޅުގަނޑު އިލްތިމާސްކުރަން،" އިމްރާން ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހި ޤައުމު ނަގަހައްޓާ، ރައްޔިތުންގެ ސުލުޙަ މަސްލަހަތު ޤާއިމްކޮށް، ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓާ ރައްޔިތުންގެ ވަހުދަތު ޤާއިމްކުރެވޭނީ ޤައުމުގެ ހުރިހާ އަފްރާދުން އެއަޞާސްތަކެއްގެ މައްޗަށް އެއްބައިވަންތަ ކުރުވާ ޒިކުރާތައްއަބަދުމެ ހަނދާން އާކޮށް ދިރުވާ އާލާކޮށްގެން ކަމަށެވެ.

ރާއްޖެ އިސްލާމްވެގެންދިޔަގޮތުގެ ޙާދިސާއަކީ އެހާދިސާއިން ގިނަގުނަ ޢިބްރަތްތަކަކާ ފިލާވަޅުތަކެއް ހާޞިލްކުރެވޭނެ ހާދިސާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްފިލާވަޅަކީ ދީނަށް ގޮވާލުމުގައި ނުވަތަ ދަޢުވަތު ދިނުމުގައި ހާލަތަށް ރިޢާޔަތްކޮށް ހިކުމަތާއި، ބުއްދި އިސްކޮށް، ޤަބޫލުކުރަން ފަސޭހަވާނެ ބީދައިން ދަޢުވަތު ދިނުންކަމަށެވެ.

ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މާތްވެގެންވާ އިސްމާލްދީން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އެކަމަަށްހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރާއި، ޢިލްމްވެރީންގެ ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.