މިފަހުން މީޑިޔާގައި ފަތުއަޑުކިޔާފައި ދެކެވުނު ވާހަކައަކީ ބަނގުރަލާއެކު ޕާޓީ ކުރަނިކޮށް ފިލްމީ ތަރި މަލީހާ ވަހީދު، މަލް އާއި 11 ފިރިހެނަކު ހައްޔަރު ކުރި ވާހަކައެވެ. އެ ހަބަރާއި އެކު އެތައް ބައެއްގެ ފާޑުކިޔުން މަލްއަށް އަމާޒުވިއެވެ.

މަލް ހައްޔަރުކުރި މައްސަލައާއި ބެހޭ ތަފްސީލް ހިއްސާކުރުމަށް ފުލުހުންވެސް ދެކޮޅު ހަދާއިރު، އެ މައްސަލައިގެ އަޑި މިއަދާ ހަމައަށްވެސް އޮތީ ވަންހަނާވެފައެވެ. މަލް ބުނާ ގޮތުންނަމަ އޭނާ ހައްޔަރުކުރީ ކޮފީއެއް ބޯން ހޮޓަލުގެ ޓެރަސްގައި އިންދައެވެ.

މުނިފޫހިފިލުމުގެ ހަބަރުތައް ގެނެސްދޭ "މުނިއަވަސް"އަށް ދިން އިންޓަވިޔުއެއްގައި މަލް ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް ވަރަށް ތަފްސީލްކޮށް ކިޔާދީފައެވެ.

އެގޮތުން މަލީހާ ވަހީދު (މަލް) ބުނީ އެތަނަށް ދިޔައީ އެތާ ރިސެޕްޝަންގައި އުޅޭ އެކުވެރި އަކާ އެކީ ކޮފީއެއް ބޯލުމަށް ކަމަށެވެ.

”ކޮފީ ބޯން ޓެރަސްއަށް ދިޔައީ. ދިޔައިރު މަލް މެން ދިޔަ ފަރާތުގައި 3 މޭޒު ޖައްސައިގެން ތިބި ބަޔަކު. މަލް މެން ގޮސް އިށީނީ އެތާ އެއްފަރާތުގައި ވަކިން އިން ގޮޑި އެއްގައި. ގޮސް މާއްކޮ (އެކުވެރިޔާގެ ނަން) ދިޔައީ ތިރިއަށް ފޯނު ބަލާ. ދިޔަތަނާ ޕޮލިހުން އައީ“ މަލް ބުންޏެވެ.

މަލް ބުނި ގޮތުގައި އެމީހުން ހައްޔަރުކުރީ މޭޒުމަތީގައި ހުރި ހުސް ތަށިތަކަކީ ރާކަމަށް ޝައްކުކުރެވޭތީ، ފުލުހަށް ގެންގޮސް ޓެސްޓް ހަދާފައި ދޫކޮށްލުމަށް ބުނެ ކަމަށެވެ.

”އައިސް ބުނީ އެންމެ ޗެކްކުރަން. މަލް ބުނީން އެމީހުންނާ އެކީ އެއްނޫނޭ މީނީ. ބުނީމަ ވެސް ބުނީ އެމީހުންނާ އެކީއޭ ތީނީ. 4 ފިރިހެނުން އައީ ދެން މަލް އަކީ އަންހެނެއްވީމަ ދަބަސް ޗެކް ކުރީ. ޗެކްކޮށްފަ ބުނީ އޯކޭއޭ ދެން ދާށޭ. އޭރު އެތަނުން އެއް ޕޮލިސް އަނެއް މޭޒުގައި އިން މީހެއް ގޮވައިގެން ދިޔައީ ބޭރަށް. ދެން މަލް ދިޔައީ ޓެރަސް ދޮރުކައިރިއަށް. ދިޔަތަނާ ބޭރަށް ދިޔަ ފުލުސްމީހާ އައިސް ބުނީ އެކަކަށްވެސް ނުދެވޭނޭ. ދެން ފޯނުތައް އަތުލާފަ ބުނީ މޭޒުގައި ހުރި ހުސްތަށިތައްކުގައި ހުރީ ރާކަމަށް ޝައްކުވެޔޭ. ދެން ޕޮލިހަށް ގެންގޮސް ޓެސްޓް ހަދާފަ ދޫކޮށްލާނަމޭ. އެކަމަކު ގެންގޮސް އެއްޗެހިތައް އަތުލާފަ ބުނީ ތިހުރީ ހައްޔަރުކޮށްފައޭ“ މަލް ބުންޏެވެ.

"މުނިއަވަސް"އަށް މަލް ދިން އިންޓަވިޔުގައި ބުނި ގޮތުގައި މަލްގެ މައްސަލަ އެއް މިހާރުވެސް ހިނގަމުން ދާތީ އެމައްސަލަ އާއި މިމައްސަލަ ގުޅުވަން މަސައްކަތް ކުރާކަން ފުލުހުންގެ ވާހަކައިން އެނގޭ ކަމަށެވެ. މަލް އިތުރަށް ބުނީ އެއްވެސް އެއްޗެއް ނުފެނި ހައްޔަރުކޮށްގެން ފުލުހުން ބޭނުންވީ ތަހުގީގު ނިމެންދެންވެސް ހައްޔަރުގައި ބަހައްޓަން ކަމަށާއި ކޯޓުން 4 ދުވަސް ޖެހުމުން ވެސް ފުލުހުން ތިބީ ހިތްހަމަ ނުޖެހިފަކަމަށެވެ.

”މުޅި ތަން ބަލާ ފާސް ކުރި. އެތާ ހުރި ގަސްތަކާ އެއްޗެހި ބެލި. އެކަމަކު އެއްވެސް އެއްޗެއް ނުފެނުނު. ފުލުހުން ހަމައެކަނި ގެންދިޔައީ އެތާ ހުރި ތަށިތަކެއް. މަލް އަށް ހީވަނީ މަލް ހައްޔަރު ކުރަންވެގެން އަނެއް 11 މީހުންވެސް ހައްޔަރު ކުރީ. އެއްވެސް އެއްޗެއް ނެތި“ މަލް އިތުރަށް ބުންޏެވެ.

މަލް ހައްޔަރުކުރި ރޭ ފުލުހުން ބުނީ އެ 12 މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަސްލު ލިންކް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.