ހިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ޔޮޓެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ބުނީ ޖޫރިމަނާކޮށްފައިވަނީ 04 ޖަނަވަރީ 2021 ގައި ހަނިފަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް ކަމަށެވެ. އަދި އެއުޅަނދުގައި ތިބި ފަރާތްތަކުން އެ ސަރަޙައްދުގައި ކައިޓް ސަރފްކޮށް ހަނިފަރު ރަށަށް އަރައި ހަރަކާތްތަކެއް ހިންގާފައިވާތީ ހަ ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަދި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ އުޅަނދުގެ ލޯކަލް އެޖެންޓް އޭޝިއާ ޕެސިފިކް ސުޕަރ ޔޮޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅު ހަނިފަރު ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ، އެންމަޑީގެ ބޮޑު އާބާދީ އެއް ޖަމާވާ އެއް ސަރަޙައްދެވެ. އަދި ހަނިފަރަކީ އެންމަޑީގެ އިތުރުން ފެހުރިހި ބެލުމަށް ޝައުގުވެރިކަން ހުންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ސަރަހައްދެކެވެ.
ހަނިފަރަކީ 5 ޖޫން 2009 އިން ފެށިގެން ސަރުކާރުން ހިމާޔަށްކޮށްފައިވާ ސަރަހައްދެކެވެ.