ޝަރުޢީ ނިޒާމް އޮތީ ހިސޯރުކުރެވި، އަޅުވެތި ކުރެވިފަކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ހިންގުނު ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި، އެއީ ދެރަވަރު ބަދަލުހިފުމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު އޮތީ ހިސާރު ކުރެވި އަޅުވެތި ކުރެވިފައި ކަމަށް އަލްހާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ މިއަދު އިއްވި ހުކުމުގައި ޝަރުއީ އަދި ޤާނޫނީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރާނެކަމަށް ވަކީލުން ވަނީ ބުނެފައެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި 77 މިލިއަން ރުފިޔާ އިން ޖުރިމާނާ ކުރުމަށް ކޯޓުންވަނީ ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ބެންޗުގައި އިސްކޮށް ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޤާޒީ ޢަލީ ރަޝީދަކީ އެބޭފުޅާއާމެދު އިދިކޮޅު ފަރާތްތަކުން ވަކި އަތަކަށް ބުރަވެވަޑައިގެންފައިވާ ކަމުގެ ތުހުމަތުކުރާ ޤާޟީއެކެވެ. އަދި މިމައްސަލަ ކުރިން ބެއްލެވި ޤާޒީ ނެރުއްވި ބަޔާނަކާ ގުޅިގެން ޤާޒީ ޢަލީ ރަޝީދު ރާއްޖެ ޓީވީއާ ވާހަކަދެއްކެވި ހިސާބުން އެމަނިކުފާނާ މެދު އިދިކޮޅު ފަރާތްތަކުން ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެމައްސަލަ ޖޭއެސްސީއިން ބަލާފައިނުވެއެވެ. 

މިއަދު ރައީސް ޔާމީނަށް ކުރެވިގެން މިދިޔަ ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ޝަރުޢީ ނިޒާމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.