ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަސް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުންކުރި ހުކުމްގެ އިސްތިއުނާފުގައި ކާމިޔާބަށް އެދޭ ކަމަށާއި ރައީސް ޔާމިން މިނިވަން ކުރަން ޖެހޭ ކަމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓު ކަމުގައި ހުންނެވި އަދި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމްގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި ރައީސް ޔާމީންގެ އާއިލާއާ ޕީޕީއެމް އަދި ޕީއެންސީގެ އެންމެހާ މެންބަރުން ކެތްތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ގާނޫނީ ގޮތުން ކުރެވޭ އެންމެހާ މަސައްކަތުގައި ޝަހީމްގެ އެހީތެރިކަމާއި އެއްބާރުލުން އަމަލީ ގޮތުން ދެއްވާނެ ކަމަށެވެ. މި ހާލަތުގައި ޕާޓީގެ ހުރިހާ މެންބަރުންވެސް ސާބިތުކަމާއި އެކު ދެމި ތިބުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކުރިއިރު ޖޫރިމަނާ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ހުކުމްކުރިއެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ މަނީ ލޯންޑަރިންއާ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ ދަށުންނެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ އަމަލަކީ ކުށެއް ކަމަށެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއްލައްކަ ރުފިޔާއާ އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ އަދަދަކުން ޖަލަށްލުމުގެ، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނައަކުން އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.