އެއްވެސް ސިއްހީ މާހިރެއް ގޯސް ވެކްސިނެއްދީ، ރައްޔިތުންނަށް އޮޅުވާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އޭނާގެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑުގެ ވެކްސިން އާއި ގުޅުވައި ސިއްހީ މާހިރުން އޮޅުވާނުލައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހެން ޕޯސްޓު ކުރެއްވުމުން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވަނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިފަދަ ކަންކަމުގައި އެ ފަރާތްތަކަށް ފުރިހަމައަށް އިތުބާރު ކުރަން ޖެހޭ ކަމަށެވެ.
އާޒިމަ ވަނީ މި ފޭސްބުކް ޕޯސްޓް ސިޔާސީ ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މި ޕޯސްޓުގައި އޭނާ ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރުވެސް އަދާ ކުރައްވާފައެވެ.
އާޒިމާ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން ދަނީ ވެކްސިނާއި ގުޅުވައި އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އެގޮތުން ރާއްޖެއަށް ގެނެސް، ޖަހަން ފަށާފައިވާ ވެކްސިންއަކީ ދޭން އެންމެ ރަނގަޅު ވެކްސިންއެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ވެކްސިން ސިޔާސީ ނުކޮށް، ރާއްޖެއަށް ގެނައި ވެކްސިންއަކީ އިތުބާރު ހިފޭ ވެކްސިންއެއް ކަމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.