ދިރޭ ޖަނަވާރާއި ދިރޭ ގަސް އެތެރެކުރާ ފަރާތްތަކުން، އެފަދަ ތަކެތި ރާއްޖެއަށް އެތެރެވުމުގެ 24 ގަޑިއިރު ކުރިން އެ ތަކެއްޗާއި ބެހޭ އެންމެހާ ލިޔެކިޔުމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ހުށަހެޅުމަށް އެ މިނިސްޓްރީއިން މިއަދު އަންގައިފިއެވެ.
އެ މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރުމުގައި، އެތަކެތީގައި ހުންނަން ޖެހޭ މިންގަނޑު ކަނޑައެޅުމާއި ބަލާފާސްކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވަނީ އެ މިނިސްޓްރީއަށް ކަމަށެވެ.
އެގޮތުން މިފަހުން މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި މިތަކެތި ބަލައި ފާސްކުރުމުގައި އަދި ލިޔެކިޔުން ހޯދުމުގައި، މި މިނިސްޓްރީއަށް އަދި ތަކެތި އެތެރެކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެހެންކަމުން، ދިރޭ ޖަނަވާރާއި ދިރޭ ގަސް އެތެރެ ކުރާ ފަރާތްތަކުން، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެ ވުމުގެ 24 ގަޑިއިރު ކުރިން، އެ މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް، އެތެރެކުރެވޭ ތަކެއްޗާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުވުމަށް ވަނީ އަންގާފައެވެ. އެ މިނިސްޓްރީއިން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.
އެގޮތުން ފޮނުވަން ޖެހޭ ލޮޔެކިޔުންތަކަކީ؛
- ސްޓޭޓް ފައިޓޯސެނިޓަރީ/ވެޓްރިނަރީ ސެޓްފިކެޓް (އޮރިޖިނަލް)ގެ ސްކޭން ކޮޕީ އަދި ސެޓްފިކެޓްގެ އެޓޭޗްމަންޓްތައް
- ފައިޓޯސެނިޓަރީ/ވެޓްރިނަރީ އިމްޕޯރޓް ޕާރމިޓް އަދި ޕާރމިޓްގައި ބްރީޑިންގް ލެޓަރ އަދި ސައިޓީސް ސެޓްފިކެޓް ހުށަހަޅަން ބަޔާންކޮށްފައިވާ ބާވަތްތަކަށް، ބްރީޑިންގ ލެޓަރ އަދި ސައިޓީސް ސެޓްފިކެޓް
- ޝިޕްމަންޓްގެ ޕެކިން ލިސްޓް
- ޝިޕްމަންޓްގެ އިންވޮއިސް
މި ގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީއިން ނިންމާފައިވަނީ "ދިވެހި ރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" ގެ 6 ވަނަ މާއްދާއާއި 10 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ ދަށުންނެވެ. އަދި މިގޮތަށް އަމަލުކުރަން ފަށާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މިފަދަ ތަކެތި އެތެރެކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.