ތަށްޓަށް އަމާޒު ހިފާ ބުރުން ތިންވަނަ ޑިވިޝަނަށް ވަރުގަދަ ސްކޮޑަކާއިއެކު ތައްޔާރުވެއްޖެއެވެ.
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު އަހްމަދު ނިމާދު (ނިމާ) ޖަޒީރާއާ ވާހަކަދައްކަމުން ބުނީ ބުރު ސްޕޯޓްސް ކްލަބުން ތިންވަނަ ޑިވިޝަނާއި ކުރިމަތިލަނީ ތަށި ހޯދުމަށް ކަމަށާއި، ޓީމުގެ ސްކޮޑާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ކުޅުންތެރިންތަކެއް ޓީމުގައި ތިބުން އެއީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ނިމާ ބުންޏެވެ. އެގޮތުން މުއްކިމެން ފަދަ ކުޅުންތެރިންނަކީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ނަތީޖާ ނެރެވޭނެވަރުގެ ކުޅުންތެރިން ކަމަށް ނިމާ ބުންޏެވެ.
ބުރާއި ގުޅުނު ތަޖުރިބާކާރު ކުޅުންތެރިން
- - އިބްރާހީމް މުބީން (މުއްކި)
- - މުހައްމަދު ހަމްދޫން
- - މުހައްމަދު ތަސްމީން (ތައްތި)
- - ހުސެއިން ނާޝިދު (ނާއްޓޮ)
- - މިފާދު އަހުމަދު (މިފޫ)
- - ހުސަން އިބްރާހީމް (ތުނޑޭ)
- - ހަސަން ޝިފާއު
- - އިބްރާހީމް މައިސަން (މައި)
- - އިލިއާ ސޮބުލް
ބުރުގެ މެނޭޖަރު ބުނީ މި މުބާރާތައް ބުރުން ނުކުންނަނީ ދެވަނަ ޑިވިޝަނުގެ ޖާގައެއް ކަށަވަރު ކުރުމަށް ކަމަށާއި، އެކަން ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ބުރުގެ ތަމްރީންތަކުގެ ތެރެއިން
ބުރުން ވަނީ ތިންވަނަ ޑިވިޝަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ފުޓްސެލް ކުޅުންތެރިޔާ ހުސެއިން ޝަރީފް (އޮންލީ)ގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އޭގެ ތެރެއިން އިލިއާ ސޮބުލް އަކީ ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ.