ރިޕޯޓް

ތިން ބާރު، ރައްޔިތުންގެ އިތުބާރަށް

މި ފަހުން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް އަޑުއުފުލައި ބުނަމުންދިޔައީ އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ޖައްސަވަން ވާނީ ސަރުކާރުގެ އިސްވެރިން ކަމަށެވެ. ސަބަބަކީ އެއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް އެންމެ ފުރަތަމަ ވެކްސިން ޖައްސަވަނީ އެ ގައުމުތަކުގެ އިސްވެރިން ކަމަށް ވާތީ ކަމަށްވުން އެކަށީގެންވެއެވެ. އެންމެ ފުރަތަމަ ވެރިން ވެކްސިން ޖައްސަވަނީ ރައްޔިތުންނަށް ވެކްސިން ޖަހަން ބާރު އެޅުމަށާއި، ވެކްސިންގެ މުހިއްމުކަން ހާމަކޮށް ދިނުމުގެ މަގްސަދުގައެވެ.

މިއަދު ރާއްޖެއިން ވެސް ފެނިގެން ދިޔައީ ހަމަ އެފަދަ މަންޒަރެކެވެ. ހެނދުނުގެ އިރާއި އެކު ޝޯޝަލް ސެންޓަރުގައި ފެށި ވެކްސިން ޖެހުމުގެ ޕްރޮގްރާގައި އެންމެ ކުރީ ސަފަށް އެރުއްވީ ދައުލަތުގެ ތިން ބާރުގެ ވެރިންނެވެ.

އެއީ ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މި ތިން ބޭފުޅުންވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ ލައިވް ޓީވީ ގައި އެތައް ބަޔެއްގެ ކުރިމަތީގައި ނޫސްވެރިންގެ އިތުރުން އެތަނުގައި އެވަގުތު ތިބި ރައްޔިތުންގެ ހާޒިރުގައެވެ. ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރު ނުވާނެހެން އެއްވެސް ފޮރުވުމެއް ނެތިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގަޔަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ބޭފުޅުންވެސް ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ އަދި ބާރުވެސް އަޅުއްވަމުން ގެންދަވަނީ ވެކްސިން ޖެހުމުން ނޫނީ ބަލިން އަރައިގަނެވެން ނެތްކަމެވެ. އެ ބޭފުޅުން ފަހަތްޕުޅުން ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ވެކްސިން ޖެއްސެވިއެވެ.

ރައީސް މުހައްމަދު ނަޝީދު، ކޮވިޑް ވެކްސިން ޖައްސަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވެކްސިނަކީ އެއްވެސް މީހަކު ޖަހަން މަޖޫބޫރެއް އެއްޗެއް ނޫނެވެ. ނަމަވެސް މި ބަލިމަޑުކަމުން ސަލާމަތުގެ އައްސޭރި އަށް ވާސިލުވެވޭން އޮތީ ވެކްސިނާއެކުއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފެށި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ މިއަދު ވިދާޅުވެފައެވެ. އަދި ހަ މަސް ދުވަސް ތެރޭ ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެން ހިމެނޭ ގޮތަށް އެންމެންނަށް ވެކްސިން ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއީ ހުރިހާ ރައްޔިތުންނަށްވެސް ހަމަގައިމުންވެސް ލިބިގެންދާ އުފާވެރި ހަބަރެކެވެ. ސިޔާސީ ގޮތުން އޮންނަ ހިޔާލު ތަފާތުވުން ނައްތާލައި ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ކަމިޔާބު ލިބޭނީ ވެކްސިންއާ އެކުއެވެ. އިންޑިއާއިން ހަދިޔާކުރީ ކޮވިޝީލްޑްގެ 100،000 ޑޯޒެވެ. މި ޑޯޒުން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އެކަމަކު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކި ވައްތަރުގެ ވެކްސިން ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

1
2
0
0
0

ކޮމެންޓް

Your email address will not be published.

0 %