ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށާއި، އެއަށްފަރު ރާއްޖޭގެ ޕްރައިމް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާއިރު، ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން ބޭނުވެ ވަޑައިގަންނަވާކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖެއަށް ވަރަށް އަވަހަށް ބަރުލަމާނީ ނިޒާމެއް ގެންނަވަން މަޖިލިސް މެދުވެރިކޮށްގެން ހުށަހަޅުއްވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ބަރުލަމާނީ ނިޒާމް ގެންނަވާނެ ކަމަށެވެ. 

އަދި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބޭނުންވަނީ ހަމައެކަނި ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން (ބޮޑުވަޒީރުގެ ނައިބު ކަން) ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މަނިކުފާނު ޕްރައިމް މިނިސްޓަރަކަށް އައީމަ، އަޅުގަނޑު ބޭނުންވޭ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން. އެއީ އަޅުގަނޑުގެ ކޮންޑިޝަނަކީ، ކޯލިޝަނެއް މިވަގުތު ނެތް. ޤާނޫނު އަސާސީގައި ނެތް ކޯލިޝަން އޮންނަން ޖެހޭ ވާހަކައެއް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އޭނާ ބޭނުންފުޅުވަނީ ރާއްޖޭގައި ރައްކާތެރި، ޚަރަދުކުޑަ ސަރުކާރެއް އެކުލަވާލުމުގެ މަޤްސަދުގައި ކަމަށެވެ.

"އިމްރާން ކައިރިން ސަލާމަތްވާން ވީ، މައުމޫން ކިބައިން ސަލާމަތްވާން ވީ، ޤާސިމް އިބްރާހީމް ކައިރިން ސަލާމަތްވާން ވީ، ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރުވައިގެން ރާއްޖޭގެ ސިޔާސީ ވެށި، ރައްކާތެރި ކަމާއެކު އަމާނާތްތެރި ކަމާއެކު ރާއްޖޭގައި ޚަރަދުކުޑަ ސަރުކާރެއް އެކުލަވާލުމަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެއްބާރުލުން ދޭންވީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިވެހިރާއްޖެ ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވާން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.