ކޮވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އުއްމީދެއް ގެނުވީ ވެކްސިނެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ 100،000 ޑޯޒްގެ ވެކްސިން ޖަހަން ފަށައި މިއަދު މުޅި ރާއްޖޭގައި ވަނީ ވެކްސިން ކެމްޕޭނެއް ފަށާފައެވެ.
މިއަދުގެ މި ކެމްޕޭނު ގައި އެންމެ ބޮޑު ޝަރަފެއް ހޯދީ ކޮވިޑްގެ ބަލިމަޑުކަމުގައި ވަރުބަލިކަމެއް ނެތި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބްދުއްރާހުމާނެވެ. ވެކްސިން ޖެހުމަށް ފަހު ޑރ ޝިރާނީ ވަނި އޭނާގެ ޝުއޫރުތައް މީޑިއާ ހިއްސާ ކޮށްފައެވެ.
ވެކްސިން ޖެހުމުން ލިބުނު އުފަލާއި އެކު ހިނިތުންވެ ހުރެގެން ވާހަކަ ދައްކަވަމުން ޝިރާނީ ވިދާޅުވީ، ވެކްސިން އަކީ ރައްކާތެރިކަން ކަށަވަރު ވެކްސިނެއްކަމުން ވެކްސިން ޖެހި ގަޑީގައި މާ ބޮޑު ނުތަނަވަސް ކަމެއް ނެތް ކަމަށެވެ.
ކަށި ހަރާލީމާ ވީ ތަދު އެކަނިވީ. އިތުރު ތަދެއް ނުވޭ
ހުޅުމާލޭ ގައި ގާއިމްކޮށްފައި ހުންނަ ކޮވިޑް ފެސިލީޓީ ހިންގުމުގައި އިސްކޮށް ހުންނަވާ ޝިރާނީ ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފީ ވެކްސިންގެ މުހިއްމުކަން ރައްޔިތުންނަށް އަންގައި ދިނުމަށެވެ.
އަޅުގަނޑުމެން ވެކްސިންޖަހާށޭ ޖަހާށޭ ބުނީމަށް ވުރެ އަޅުގަނޑުމެން އަމިއްލައަށް ޖަހާފަ އެތި ދައްކައިދިނީމަ ޕަބްލިކަށް އޭތި ރީޗްވާގޮތް ރަނގަޅުކަންނޭނގެ
އާންމު ދިރިއުޅުމަކަށް ދިއުމަށް ކުރަމުންދާ މަސައްކަތަށް ވާސިލް ވެވޭނީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖަހައިގެން ކަމަށް ޑރ. ޝިރާނީ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ދުނިޔެއާއި ވަކިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާ ޑރ. ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަލިޖެހޭ މީހުންގެ އަދަދާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނީ ވެކްސިން ޖަހައިގެން ކަމަށެވެ.
ހުރިހާ ފަރާތްތަކުންވެސް ވެކްސިން ޖަހާ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ޑރ. ޝިރާނީ ވަނީ އެދިވަޑައިގެންފައެވެ.
2015 ވަނަ އަހަރު ރަޝިޔާއިން މެޑިސިންގެ ދާއިރާއިން ޑޮކްޓްރީކަން ފުރިހަމަކުރައްވާފައިވާ ޑރ. ޝިރާނީ ވަނީ އެއް އަހަރު ދުވަސް ވަންދެން ބަންގްލަދޭޝްގެ މެޑިކަލް ކޮލެޖްގައި އިންޓާރންއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފައްޓަވާފައިވަނީ 2017 ވަނަ އަހަރު އެވެ.
ކޮވިޑްގެ ހާލަތާއި އެކު މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ވަނީ ބަނޑޮސް އައިލެންޑް ފެސިލިޓީ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރައްވާފައި ވެއެވެ.
މީގެ އިތުރުން ޝިރާނީ ވަނީ ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ލެކްޗަރަރ އެއްގެ ގޮތުގައި ވެސް މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމައަށް މަސައްކަތް ކުރައްވާފައެވެ.