ކޮވިޑްގެ އަދަދުތައް މި ދުވަސްވަރު އިތުރުވަމުންދާތީ އާއްމު ޚިދުމަތްދޭ ތަންތަނުގެ މާސް އިންސްޕެކްޝަނެއް ކުރިޔަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެ އޭޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ވާ ގޮތުން ކޮވިޑްއިން ރައްކާތެރިވުމަށް އެ އޭޖެންސީއިން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް އެ އޭޖެންސީއާއި، ސަރުކާރުގެ އެހެން އިދާރާތައް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އިންސްޕެކްޝަނެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް ފަދަ އާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔަރ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެކުރިން ވެސް މިފަދަ އިންސްޕެކްޝަންތައް އެޗްޕީއޭގެ ފަރާތުން ކުރިޔަށް ގެންގޮސް އުސޫލްތަކާއި ޚިލާފަށް އަމަލުކުރަމުންދިޔަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވެއެވެ. ހަމައެގޮތަށް މިފަހަރު ވެސް އެފަދަ ފަރާތްތާކާއި ދެކޮޅަށް އެ އޭޖެންސީއިން ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިމިގެންދިޔަ ޖެނުއަރީ މަހަކީ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވި މަހެކެވެ. އެގޮތުން 2000 އަށް ވުރެ ގިނަ މީހުން ޖެނުއަރީ މަހު ބައްޔަށް ޕޮޒިޓިވްވިއިރު މިއަދަދުތަކުގެ ސަބަބުން މީގެކުރިން ދީފައިވާ ބައެއް ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފައެވެ.