ފުޓްބޯޅަ ކުޅުންތެރިންނަށް ކުރިމަތިވަމުންދާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ޑޫކް އޮފް ކެމްބްރިޖް ޕްރިންސް ވިލިއަމް ތެދުވެވަޑައިގެންފިއެވެ.
އިނގިރޭސިވިލާތުގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކަކަށް މިފަހުން ވަނީ ނަސްލީ ތަފާތުކުރުންތަކުގެ އެކި ހަމަލާތަކާއި ކުރިމަތިލާން ޖެހިފައެވެ. އެންމެފަހުން މިފަދަ ހަމަލާއެއް ކުރިމަތިވި ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑްއެވެ. އެ މައްސަލަ މިހާރު މެންޗެސްޓަރގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޕްރިންސް ވިލިއަމް ވަނީ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި އަދި ސޯޝަލް މީޑިއާގައި ވެސް ނަސްލީ ގޮތުން ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އެފަދަ އަމަލުތައް ހުއްޓާލެއްވުމަށް ގޮވާލައްވާފައެވެ. ފިތުނަ އުފައްދައި ތަފާތުކުރުންތައް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް މަސައްކަތްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށާއި ވަކިން ޚާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ ޒިންމާ އިތުރުވާ ކަމަށް ވެސް ޕްރިންސް ވިލިއަމް ވިދާޅުވިއެވެ.
ހަމައެހެންމެ އެފަދަ ހާދިސާތައް ބަލައިނުގަނެ އެފަދަ ފަރާތްތަކާއި ދެކޮޅަށް ތެދެވަމުންދާ ކުޅުންތެރިންނާއި، ކްލަބްތަކާއި އެހެނިހެން ފަރާތްތަކަށް ވެސް ޕްރިންސް ވިލިއަމް ވަނީ ސާބަސް ދަންނަވާފައެވެ.
ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރަމުން ނުދާ ކަމަށް ބުނެފައެވެ. އަދި އެ ޕްލެޓްފޯމްތައް ހިންގަމުންދާ ކުންފުނިތައް ޒިންމާދާރުކުރެވޭނެ ގޮތްތައް ހޯދުމަށް ވެސް ވަނީ ގޮވާލާފައެވެ.