ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައި ތާވަލުގެ ދެވަނަ މަގާމަށް ބާސެލޯނާ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ބިލްބާއޯގެ މައްޗަށް ބާސާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް މި މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބުކޮށްދިން 650 ވަނަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ބިލްބާއޯއިން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ބާސާގެ ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުން ބާސާ މޮޅުވި ލަނޑު 74 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ.
ލަލީގާގެ އެއްވަނައިގައި 50 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑްއެވެ. ދެވަނަ ބާސާއަށް ލިބެނީ 40 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. ރެއާލްއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުން ވެސް ވަނީ އެތުލެޓިކޯއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.