ހެޕަޓައިޓިސް ބީ (Hepatitis B) އަކީ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ ވައިރަސް(Hepatitis B virus) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަތަމަ ދުވަސްކޮޅު ފެންނަ އަލާމާތްތަކުގެ އިތުރުން، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ބައްޔަކަށްވެ، އަދި އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށް މަގުފަހިކޮށްދޭ ވެސް ބައްޔެކެވެ. ބައެއް ފަހަރު ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަމެޔަށް ކެންސަރު ޖެހޭ ގޮތްވެސް ވެއެވެ.
ހެޕަޓައިޓިސް ބީ ޖެހެނީ ކިހިނެތް؟
ހެޕަޓައިޓިސް ބީ ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ބަލީގެ ވައިރަސް ސީދާ ވާޞިލްވެގެންނެވެ. ހެޕަޓައިޓިސް ބީ ވައިރަސް ބަލިޖެހިފައިވާ މީހެއްގެ ގައިން، އެބަލިނެތް މީހެއްގެ ގަޔަށް ބަދަލުވަނީ ހަށިގަނޑުގައި ހިމެނޭ ލެއާއި، ދިޔައިގެ ޒަރީޢާއިންނެވެ. ހެޕަޓައިޓިސް ބީ ވައިރަސް އަކީ ހަށިގަނޑުގައި މާގިނައިރު ދިރިދެމިއޮތުމުގެ ގާބިލްކަން ލިބިފައިވާ ވައިރަސް އެކެވެ. މިގޮތުން ހަފްތާއެއް ވަންދެން މިވައިރަސް ހަށިގަނޑުގެ ބޭރުގައި މަރުނުވެ އޮތުމަށްފަހު ވެސް، ފުރުޞަތެއް ލިބިއްޖެނަމަ ހަށިގަނޑުގެ ތެރެއަށްވަދެ، މިބަލި ޖައްސައެވެ.
ބަލި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތައް!
• އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމުގައި އެއްކަށްޓެއް ހިއްސާކުރާ ފަރާތްތައް
• އެކަކަށްވުރެ ގިނަ މީހުންނާއެކު ރައްކާތެރި ނޫންގޮތުގައި ޖިންސީގުޅުން ހިންގާމީހުން
• ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން
• ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުންހިންގާ މީހުން
• އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން
• ގިނަގިނައިން ލޭއަޅަންޖެހޭ ފަރާތްތައް
• ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހިފައިވާ މީހުން
• ގުރުދާ ފޭލްވުމުގެ ސަބަބުން ޑަޔަލިސިސް ހަދަމުންގެންދާ މީހުން
• ހެޕަޓައިޓިސް ބީ ޖެހިފައިވާ މައިންނަށް ލިބޭ ތުއްތުކުދިން
ބަލިން ރައްކާތެރިވާނެ ގޮތްތައް
• ޞިއްޙީ ޚިދުމަތްދޭއިރު ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުން
• ހެޕަޓައިޓިސް ބީގެ ވެކްސިން ޖެހުން
• ލޭއެޅުމުގެ ކުރިން އަބަދުވެސް ހެޕަޓައިޓިސް ބީއަށް ޓެސްޓުކޮށްފައިވާ ލޭއެޅުން
• ޖަރާސީމުން އެއްކިބާ ކުރެވިފައިވާ އާލާތްތައް ބޭނުންކުރުން
• ރައްކާތެރި ގޮތުގައި ޖިންސީ އަމަލުތައް ބެހެއްޓުން
މަސްދަރު: ޑރ. އަބްދުލް އަޒީޒް