މާލޭގައި ރޭ ހިނގި މާރަމާރީތަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފިއެވެ.
ރޭ މާލޭގައި ހަތަރު ސަރަހައްދެއްގައި މާރާމާރީ ހިންގާފައިވާ އިރު އެ މާރާމާރީތަކުގައި އެތައްބަޔަކަށް އަނިޔާވެފައިވެއެވެ. އަނިޔާވި ބައެއް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އަނެއްބައި މީހުންނަށް އޭޑީކޭގައި ފަރުވާދީފައިވެއެވެ.
ހައްޔަރު ކުރި ފަސް މީހުންނަކީ ރޭ 23:26 ހާއިރު ވިލިމާލެ ފެރީ ޓަރމިނަލް ކައިރީގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީގެ ތެރެއިން ހައްޔަރުކުރެވުނު މީހުންނެވެ. ފުލުހުން ބުނީ އެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އޭގެތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު އަނެއް މީހާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާވި އެކަކުގެ ހާލަތު ސީރިއަސްވެ، މިހާރު އޭނާ ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ރޭ ފުރަތަމަ ހިންގި މާރާމާރީ ރިޕޯޓުކުރެވުނީ 19:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރިން އޮންނަ ދަނޑު ކައިރިންނެވެ. ދެވަނައަށް ރިޕޯޓު ކުރެވުނު މާރާމާރީ ހިނގީ އަސަރީ ހިންގުމުގައި 21:15ހާއިރެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން މީހަކަށް ހަމާލާދީފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަނިޔާވި 36 އަހަރުގެ ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މީގެއިތުރުން ރޭ 1:32 ހާއިރު ވެސް ގ. މުތީ ގޯޅީގައި މީހަކަށް އަނިޔާވެ ވެއްޓިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނެވެ. ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭގޮތުގައި އޭނާއަށް އަނިޔާވެފައި ވަނީ ބަޔަކު މީހުން މާރަމާރީ ހިންގައިގެން ކަމަށެވެ. އަދި އެ މީހާގެ ބޯފަޅައިގެން ދިޔުމުގެ ސަބަބުން އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލާގައި މާރަމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލުތަކެއް ޓޯ ކޮށްފައިވާ ކަމަށެވެ.