ދިވެހި ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު "އަނދިރި ދައުލަތް" ސިފަކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށެވެ. މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ޤައުމީ ދިފާއީ ބާރުގެ ތެރޭގައި ތިބިކަމަށް އެތައް ޕޯޑިއަމެއްގައި ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ފެށުމަށް ހައްދުންމަތީ ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުޑަކުދިންނާއި ބެހުމާއި ޖިންސީ ގޯނާކުރުން އިތުރުވެފައިވާ ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ބެލުމުގައި މިއަދުގެ ސަލާމަތީ ބާރުތަކުން ފަރުވާ ކުޑަ ވެފައި ވަނީ އެ މުއައްސަސާތަކުގައި ތިބި މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކުން އެފަދަ މައްސަލަތައް ނުބަލަނީ އަނދިރި ދައުލަތަށް ބައިއަތު ހިފައިފައިވާތީ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވަނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާ އަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރުމަށް "އެހެން ރާސްތާއެއް" ހޯއްދަވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.