އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރުގެވެސް ބޮޑު ބަންދު ފެށުނީއެވެ. ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީ ވެގެންދަނީ ޙިތާނީތަކަށް ޚާއްޞަ ދުވަސްކޮޅެއްގެ ގޮތުގައެވެ. އެގޮތުން އަދަކީ ހޮސްޕިޓަލްތަކުގައި ރަސްމީކޮށް ޙިތާނީ ކޭމްޕް ފަށާ ދުވަހެވެ. ނަމަވެސް މިހާރުވެސް ގޭގޭގައި ޙިތާނީތައް ދަނީ ބާއްވަމުންނެވެ. އެއާއެކު ބޮލު ތެރޭގައި އުފެދެނީ މި ސުވާލެވެ. ބާރަށް ލަވަ ޖެހީމާ ޙިތާނު ކުރިތަން ހަމަ އަވަހަށް ފަސޭހަ ވަނީބާވައޭ ކުރެވޭ ސުވާލެވެ. މީގެ ފުންމިނަށް ދިޔުމުގެ ކުރިން ދެތިން ކަމަކަށް ވިސްނާލަން ޖެހެއެވެ.
ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީ ހިނދު ފިރިހެން ކުއްޖާގެ އުމުރުން 7 އަަހަރު ވުމުން ޙިތާނުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ. އެކަމަށް ބޮޑު އިންތިޒާރެއްވެސް ކުރާ ކަމެކެވެ. ޙިތާނު ކުރުމަށްފަހު ދީނުގެ ކަންކަމަށް ކުއްޖާ ހޭނުވުމަށް އިހުނަށްވުރެ ބޮޑު ސަމާލުކަމެއްވެސް ދެއެވެ. ފަރުޟު އަޅުކަންތައް ކުރުމަށް ބާރު އަޅަން ފެށެނީ ކުއްޖާ ޙިތާނު ކުރާ ހިސާބުންނެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ މީހުން ޙިތާނު ކުރުމަށް 'އިސްލާމްދީނަށް ވެއްދުމޭ' ވެސް ކިޔާ އުޅެއެވެ. އަދި އާދަކާދައިގެ ތެރެއިން އެކަން ފާހަގަ ކުރުމަށް ކޭން ހަދާ ރައްޔިތުންނަށް ދަޢުވަތުދީ ހަދަތެވެ.
ނަމަވެސް މިއަދު ތޯއެވެ؟ ޒަމާން ބަދަލުވެ، ކުއްޖާގެ އެންމެ މުހިންމު އެއް މުނާޞަބާވެސް މިވަނީ އޮޅުން ބޮޅުންވެފައެވެ. އިސްލާމްދީނާ ނުބައްދަލު އެތައްކަމެއް އަދުގެ ޙިތާނީތަކުން ދަނީ ފެންނަމުންނެވެ. ނެތް ފެންވަރު ދެއްކުމަށް ލޭންދޭނަށް ރުފިޔާ ނަގައިގެންވިޔަސް ބޮޑު ޚަރަދެއް ކުރެއެވެ. އެންމެ މޮޅު އެންމެ ރީތި ޙިތާނީއަކީ އެއީ ކަމުގައި ދެއްކުުމަށެވެ. ދެއްކުންތެރިކަމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއްކަން އެނގި ހުރެއެވެ. ޙިތާނީތަކުގައި ބާރަށް ލަވަޖެހުމާއި ތަފާތު ބޭންޑުތަކާއި މިއުޒިކް ގުރޫޕްތަކާއި ނަށާ ގުރޫޕްތައް ބޮޑު އަގު ދީގެން ގެނެސް ނާޗަރަންގީ ކުޅުން މިވަނީ އާންމު ވެފައެވެ. ބާރަށް ލަވަ ޖެހުމުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، އެމީހުންނާ މޫނު ކެނޑޭ ހިސާބަށް ކަންތައްތައް ދަނީ މަދެއްކޮށެއް ނޫނެވެ.
ބާރަށް ލަވަޖަހާ ޑީޖޭ ޖައްސާއިރު އަވަށްޓެރިންގެ ހައްޤުތަކަށް ކުޑަކޮށް ނަމަވެސް ވިސްނާލިން ހެއްޔެވެ؟ ކުޑަ ކުޑަ ކަމެކޭ ހީކޮށް ކޮށްލެވޭ މިކަމުގެ ސަބަބުން އުމުރު ދުވަހަށް މިކަމުގެ އަސަރު ކުރުމަކީ ވެދާނޭ ކަމެކެވެ. އިސްލާމްދީނަށް ކުއްޖާ އަހުލުވެރިކުރަން ފެށުން ލާދީނީ ކަންކަމުން ޖަރީކުރުމަށްފަހު އެ ދަރިފުޅުގެ ފަރާތުން އިސްލާމްދީނުގެ ރިވެތި އަހުލާގަށް އުއްމީދު ކުރުމަކީ އާފަލު ފަޅިއަކުން އޮރެންޖް ދިޔަ ފެލުމުގެ އުއްމީދުގައި ފެލުން ނޫން ހެއްޔެވެ؟ ދިވެހިންގެ ތެރެއިން ފަނޑުވަމުންދާ އިސްލާމީ ރީތި އާދަކާދަތަކާއި ދީނުގެ އަސާސްތައް ރަނގަޅުކޮށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މި ކަންކަން ހެޔޮ މަގަށް އަޅުވަން ކޮންމެހެންވެސް ޖެހިއްޖެކަން ކަށަވަރެވެ.