ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް (މޫވްމެންޓް) އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ އެއް ތަނބުތަކަމަށާއި އެކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުން އޮތްނަމަވެސް އެންމެންގެ މެދުގައި އެއްބަސްވެވޭ ކޮމަން ގްރައުންޑެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އޭގެ ނަތީޖާ ރަނގަޅުނުވާނެކަމަށެވެ.

މިފަދަ މޭރުމަކުން ރައީސް މައުމޫން ވާހަކަފުޅު ދައްކަވާފައިވާއިރު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާއެކި ހަރަކާތް ތަކުގެ ތެރެއިން ބާއްވާ ގިނަ ޖަލްސާތަކުގައި ސަރުކާރުގެ މައި ޕާޓީކަމުގައިވާ އެމްޑީޕީ އަށާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވާ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމްގެ އެންމެ ބޮޑު މަޤުސަދަކަށް ވާނީ ޤައުމުގައި އިސްލާހު ކުރަންހުރި ކަންކަން އިސްލާޙު ކުރުމަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުންކަމަށް ކަމަށާއި އިސްލާހީ މަސައްކަތަކީ މިއަދު އެކަނި ކުރަން ޖެހިފައިވާ މަސައްކަތެއް ނޫންކަމަށެވެ. އެއީ އަބަދު ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެމްއާރުއެމް އުފެދިގެން މަސައްކަތްކުރާއިރު ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައްވެސް އެޕާޓީން ފެނިގެންދާނެކަން ފާހަގަކުރައްވައި ރައީސް މައުމޫނު ބައެއް ކަންކަންވަނީ މިޖަލްސާގައި ޙިއްސާ ކުރައްވާފައެވެ.

ރައީސް މައުމޫނުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ މި ޖަލްސާގައި ބައިވެރިވަޑައިގެންފައެވެ. އެޖަލްސާއަށް ރައީސް ޞާލިހް ވަޑައިގަތުމުން ދޭހަ ކޮށްދެނީ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ ސަމާލުކަން ކަމާއި ސަރުކާރު ކޯލިޝަނަށްދެއްވާ ޚާއްސަ އަހަމިއްޔަތުކަން ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.