ކޮވިޑާއި ގުޅިގެން ބީއެމްއެލްއަށް މިދިޔަ 2019 ވަނަ އަހަރު ލިބުނު ފައިދާ ވަރަށް ބޮޑުތަނުން ދަށްވެއްޖެއެވެ.

އެ ބޭނުންކުން ހާމަކުރި ގޮތުގައި މިދިޔަ އަހަރު އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނު 329 މިލިއަން ރުފިޔާ އަކީ، އޭގެ ކުރީ އަހަރު ލިބުނު ފައިދާ އާއި އަޅާ ބަލާއިރު 60 އިންސައްތަ ދަށް މިންވަރެކެވެ.

2019 ގައި އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނީ އެއް ބިލިއަން ރުފިޔާއެވެ. މިހާ ބޮޑު ދަށްވުމެއް އައި ސަބަބެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކޮށްފައިވަނީ ފަހު ކުއަރޓަރގައި ލޯނަށް ލިބެން ޖެހޭ 1.17 ބިލިއަން ރުފިޔާ ނުލިބުމެވެ.

ބޭންކުން ދޫކުރާ ލޯނުތަކަށް ނުލިބޭ މިންވަރެއްގެ ގޮތުގައި 2019 ގައި އޮތީ 332 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިއަ އަހަރު އެއަށް ވުރެ 800 މިލިއަން ރުފިޔާ ބޮޑުވީ، ލޯނުތައް ދެއްކުން ފަސްކޮށްދޭން ކަސްޓަމަރުންނަށް ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުންނެވެ. މިއީ ބީއެމްއެލްގެ ހަޔާތުގައި ވެސް އެހާ ގިނަ އަދަދެއްގެ ބަޔަކަށް އެ ފުރުސަތު ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކަށް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ކުއާޓަރުގައި 326.4 މިލިއަން ރުފިޔާގެ ގެއްލުން ކުރިމަތިވި އެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރަކީ އެ ބޭންކަށް ވެސް ނުތަނަވަސް އަހަރެއް ކަމަށެވެ. ނަމަވެސް ބޭންކަށް ގެއްލުން ވިޔަސް ރާއްޖޭގެ އިގްތިސާދު ހީނަރުވިޔަ ނުދީ ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްދެވިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޮކްޑައުންގެ މުއްދަތުގައި މެދުކެނޑުމެއް ނެތި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމާއި، ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމާއި، ވިޔަފާރިތަކަށް އެހީވުމަށް ވަކިން ކެޕިޓަލް ފައިނޭންސިން ތައާރަފް ކުރުމުގެ އިތުރުން ސަރުކާރާ ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކުން ވަނީ ލޯނު ދޫކޮށްފަ އެވެ. އަދި އީއައިބީ އާއި އައިއެފްސީ ފަދަ ރާއްޖޭން ބޭރުގެ އެޖެންސީތަކާ ގުޅިގެން ފައިސާގެ އެހީ ވެސް ހޯދުނެވެ،" ޓިމްގެ ބަޔާނުގައި ވިދާޅުވި އެވެ.

އޭނާ ދެން ވިދާޅުވީ ކޮވިޑްގެ ހާލަތު ބަދަލުވަމުން ދާނެ ގޮތް ނޭނގޭތީ މި އަހަރު ވެސް ދަތި ދުވަސްތަކެއް އަތުވެދާނެ ކަމަށެވެ.

"ނަމަވެސް ބޭންކް މި އޮތީ ރާއްޖެ އާއި ދިވެހި ރައްޔިތުންނާއި އިގުތިސާދަށް އެހީވުމަށް ތައްޔާރަށެވެ،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްގެ ރިޕޯޓުން ދައްކާ ގޮތުގައި 2019އާ އަޅާބަލާއިރު މިދިޔަ އަހަރު ބޭންކުގެ އާމްދަނީއަށް ކުޑަ ދަށްވުމެއް އައުމާ އެކު ހަރަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ. ހިންގުމުގެ ހަރަދުގެ ގޮތުގައި 569.8 މިލިއަން ރުފިޔާ ހޭދަވި އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.