US Capitol Riot
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ކެޕިޓޯލްއަށް ވަދެ ހިންގި ހަމަނުޖެހުމަކީ 2001 ވަނަ އަހަރު ސެޕްޓެމްބަރު 11ގެ ހަމަލާއަށްފަހު އެގައުމުގެ ގައުމީ ސަލާމަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ބުނެފިއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އެފްބީއައިގެ އެޖެންޓުންތަކަކާއި ހަވާލާދީ ވޮޝިންގޓަން ފޯސްޓުން ރިޕޯޓް ކޮށްފައިވާ ގޮތުން ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގާފައިވަނީ ދުރާލާ ރާވައި އެކަމަށް ތައްޔާރުވެގެންނެވެ. އަދި އެމީހުން ރާވާފައިވަނީ ކޮންގްރެސްއަށްވަދެ އެމެރިކާގެ އިންތިހާބު ކާމިޔާބުކުރީ ޖޯ ބައިޑެން ކަމަށް އިލެކްޓޯރަލް ކޮލެޖުން ނިންމި ނިންމުން ތަސްދީގު ކުރުމަށް ބާއްވާ ޖަލްސާ ހުއްޓުވައި ކޮންގްރެސް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށް އެފްބީއައިގެ އެޖެންޓުން ވަނީ ބުނެފައެވެ.
އެފްބީއައިގެ އެޖެންޓުން ބުނީ މިހާތަނަށް ކުރެވުނު ތަހުގީގުން އެނގޭ ގޮތުގައި ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްއަށް ވަދެ ހަމަނުޖެހުން ހިންގުމުގެ މަގުސަދަކީ ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރިކަން އިއުލާންކޮށް އިންގިލާބީ ބަދަލެއް އެގައުމުގެ ގާނޫނަށް ގަނައުމަށް ކަމަށެވެ. އަދި މި ހަމަނުޖެހުންތަކަކަކީ އެގައުމުގެ ގައުމީ ސަލާމަތަށް 2011 ސެޕްޓެމްބަރު 11 ގެ ފަހުން ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކަމަށް އެފްބީއައި އެޖެންޓުން ވަނީ ބުނެފައެވެ.
މިމައްސަލަ ތަހްގީގު ކުރުމުގައި މިހާރު އެންމެބޮޑު އިސްކަމެއްދެނީ ކޮންގްރެސްގެ އިމާރާތަށް އަރައިގަތް ގްރޫޕްތަކާއި ޓްރަމްޕާ ދެމެދު އޮތް ކަމަށް ބެލެވޭ ގުޅުންތަކާއި އެ ގްރޫޕްތަކުން އެކަންވިލަރެސް ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުން ކަމަށްވެސް "އެފްބީއައި" ގެ ތަހުގީގީ އެޖެންޓުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.