ރިޕޯޓް

ފަނޑިޔާރު ސުއޫދު ކޮމިޝަނުން ވަކިވުމާއެކު، މަރު ކޮމިޝަންވެސް އޮތީ މަރުވެފަ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ހަމަނުޖެހުންތަކާއި، މާރާމާރީތަކާއި ބިރު ދެއްކުމުގެ އެތައް ހާދިސާތަކަކީ މިއަދު ވެސް އެ ހާދިސާތަކެއްގެ ވާހަކަ ރައްޔިތުން ދައްކަމުން އަންނަ ހާދިސާތަކަކެވެ. ގާނޫނު ތަންފީޒުކުރަން ތިބި މުއައްސަސާތަކުގެ މައްޗަށް ސިޔާސީ ނުފޫޒާއި ގޭންގްތަކުގެ ބާރު އޮތްކަމުގެ ވާހަކަތަކަކީ އަބަދުވެސް ދެކެވެމުން އައި ވާހަކަތަކެކެވެ. އެފަދަ ހާދިސާތަކުގައި އެތައް ބަޔެއްގެ ފުރާނަ ވެސް ގެއްލި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައިވެއެވެ.

އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް އިންސާފުގެ ކަންފުޅެއްގެ މިންވަރު ވެސް ލިބިފައިނުވުމަކީ އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔަ އެއް ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ވި ފަރާތްތަކުގެ އާއިލާތަކުން އެދެމެންދިޔައީ އެންމެ ކަމަކަށެވެ. އެކަން ކުރި ބައެއްގެ މައްޗަށް ޝަރީއަތްކުރެވި، ލިބެން ޖެހޭ ހައްގު އަދަބު ލިބިދިނުމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތީ އަނިޔާވެރިކޮށް މަރާލެވުނު ފަރާތްތަކާއި ގެއްލުވާލާފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދާއެކުއެވެ. އެ ވައުދު ފުއްދުމަށްޓަކައި އެމަނިކުފާނު ކުރެއްވި އެންމެ ފުރަތަމަ ކަމަކީ މިފަދަ މައްސަލަތައް ބެލުމަށް ޚާއްސަ ކުރެވިގެން ކޮމިޝަނެއް އެކުލަވާލުމެވެ. އަދި ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ޚާއްސަ ޤާނޫނެއް ވެސް ވަނީ ވުޖޫދަށް ގެނެވިފައެއްވެ. އެހެން ނަމަވެސް މި ކޮމިޝަން އެކުލަވާލެވުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް މިފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވެ މި ދުނިޔެއާ ވަކިވެ ނުވަތަ ގެއްލިގެންދިޔަ މީހުންގެ އާއިލާތަކުން ބުނަމުންދަނީ އެ ފަރާތްތަކަށް އިންސާފެއް ނުލިބޭ ކަމަށެވެ.

މަރު ކޮމިޝަންގެ މަަސައްކަތްތަކަށް ބަލާއިރު ކޮމިޝަންގެ ތަހުގީގުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ލިބޭ ވަރުވީ ވެސް ކޮމިޝަންގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 9 މަސް ދުވަސް ވެގެންދިޔަ ފަހުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުން އެތައް ކަމެއް އެނގިގެންދިޔައިރު، އެންމެންގެ ލޮލުން ކަރުނަ ހިލުވާލީ މިނިވަން ނޫހުގެ ނޫސްވެރިޔާ މަރުވެފައިވާ ކަމަށް ކޮމިޝަން ގެ ހޯދުންތަކުން އެނގޭކަން ހާމަކުރި ވަގުތެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު އެނގިގެންދިޔައީ އެ ހިސާބުންނެވެ. އެއީ އެ ކޮމިޝަންގެ ރައީސް ކަމުގައި އޭރު ހުންނެވި، ހުސްނުއްސޫދު އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ.

އޭގެ ފަހުން އެ ކޮމިޝަންގެ ފަރާތުން ތަހުގީގުތަކާއި ގުޅޭ މާ ބޮޑު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. މައުލޫމާތެއް ހިއްސާ ނުކުރާތާ މި ވެގެންދިޔައީ އަހަރެކެވެ. އެއާއި އެކު އަނެއްކާވެސް ދެކެވެން ފެށީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން މަތިކުރެވިފައި ތިބި މުއައްސަސާތަކާއި ކޮމިޝަންތަކުގެ ނާގާބިލު ކަމުގެ ވާހަކަތަކެވެ. ރައްޔިތުން ފެންބޮވައިގަނެފައި ތިބި އިންސާފު ހޯދައި ދޭން އެ ކޮމިޝަން ނުކުޅެދިފައިވާ ކަމުގެ ވާހަކަތަކެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރެއްގެ މަގާމަށް ވަޑައިގަތުމަށް ސުއޫދު ކޮމިޝަނުން ވަކިވެވަޑައިގަތްތުމާއި އެކު ކޮމިޝަން މަރުވެގެން ދިޔައީ ކަމަށް އެބަޔަކު ބުނެއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަސް ވެސް އައީ މި ވާހަކަތައް ދައްކާލަ ދައްކާލާ ތިއްބައެވެ. އެ ދުވަހު އެތައް ބައެއްގެ ލޭ ކައްކުވާލީ ރިލުވާނު ވީނުވީގޮތެއް ނޭނގި ގެއްލުވައިލިތާ ހަ އަހަރު ފުރިގެން ދިޔަ ދުވަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގެ ސަބަބުންނެވެ. މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން އެ ދުވަހު ބުނުމުންނެވެ. އެ ކޮމިޝަނުން މަސައްކަތް ކުރަނީ ކޮން އަޒުމެއްގައި ކަން ނޭނގި، އެތައް ބަޔެއްގެ ނުރުހުމާއި ފާޑުކިއުން އެ ދުވަހު އަމާޒުވެގެން ދިޔަ މަންޒަރު ފެނިގެންދިޔައެވެ.

މަރު ކޮމިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފައިލް ފޮޓޯ

އޭގެ ފަހުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައި ކަން އެނގެއެވެ. އެހެންނަމަވެސް އެއަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން އެއްޗެއް ދަންނަވަން ދައްޗެވެ. މިހާރު އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން 'ޖަޒީރާ' އިން ކުރި މަސައްކަތަށް ވެސް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރައީސް އޮފީހުން ބުނަނީ ބޭރުން ގެނައި އިންވެސްޓިގޭޓަރާއި އެކު އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ކޮމިޝަންގެ ގާބިލު ކަމާއި މެދު ސުވާލު އުފައްދަނީ ހަމައެކަނި އާއްމު ރައްޔިތުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ކޮމިޝަންގެ މައްޗަށް ގާނޫނުން މަތިކުރާ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވެ އެ ކޮމިޝަން އުވާލުމަށް ގޮވާލާއްވާފައެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް އެންމެ ބޭނުންފުޅުވި ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މިހާ ހިސާބުން އުފެދޭ ސުވާލަކީ މިފަދަ މުހިންމު މަސައްކަތްތަކެއް ކުރުމަށް އެކުލަވާލެވުނު ކޮމިޝަނުން ދެން ރައްޔިތުންނާއި ހިއްސާކުރާނީ ކޮން މައުލޫމާތުތަކެއްތޯއެވެ. ބޭރުގެ އިންވެސްޓިގޭޓަރަކާއެކު އެއްވެސް މިންވަރެއްގެ ކުރިއެރުމެއް މައްސަލަތަކަށް ލިބިފައިވޭތޯއެވެ. ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކޮމިޝަނަށް ލިބިފައިވާ ބާރުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފިފައިވޭތޯއެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ފަރާތްތަކާއި އެ އަމަލުތައް ހިންގުމަށް ހިތްވަރުދީ، ޚަރަދުކޮށް އެ އަމަލުތައް ހިންގުމުގެ އަޑީގައި ތިބި މީހުންނާއި އިންސާފު އަރާ ހަމަކުރާނެތޯއެވެ.

0
0
0
1
1

1 ކޮމެންޓް

  1. މަރެއް ނޫން ވަނީ މީ ވިއްޔާ މަރު ކޮމިށަނުގެ ހާލަތު ހުރި ގޮތަކީ

ކޮމެންޓް

Your email address will not be published.

0 %